ޚަބަރު

މިމަހުގެ 5 ން ފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ

މިހިނގާ ފެބުރުއަރީ 5 ން ފެށިގެން ޑްރައިވިން ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަލަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން 5 ފެބުރުއަރީ 2023 އިން ފެށިގެން ޑްރައިވިން ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށާއިރު، މިފިޔަވަޅަކީ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތްތައް ޢާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޤްޞަދުގައި ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ.

އެގޮތުން ޑިޖިޓަލް ލައިސަންސް މިނިސްޓްރީން ތަންފީޒު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަވަސް އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފުލުހުންގެ ހިދުމަތުން ބޭނުންކުރާ (ޕޮލިސް އެމްވީ) އެޕްލިކޭޝަނުން ޑިޖިޓަލް ލައިސަންސް ލިބެން ހުންނާނެ ކަމަށާއި، އެއީ މުއްދަތު ހަމަނުވާ ލައިސަންސެއް ނަމަ ސައްހަ ޑްރައިވިން ލައިސަންސެއްގެ ގޮތުގައި ބެލެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަލަށް ފަރުމާކުރި ސޮފްޓްވެއާ ތައާރަފްކުރުމަށާއި ބޭނުންވާ ޑޭޓާ މައިގްރޭޝަން ކުރިއަށް ގެންދިއުމަށް ޓަކައި 29 ޖެނުއަރީ އިން ފެބްރުއަރީ 4، 2023 އާ ދެމެދު ލައިސަންސް ދިނުމުގެ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައެވެ.

ޑްރައިވިން ލައިސަންސްގެ ހިދުމަތަށް ގެނައި މި ޒަމާނީ ބަދަލުގެ ސަބަބުން ރައްޔިތުން ކިޔޫގައި ވަގުތު ހޭދަކޮށް ކަރުދާސް ފޯމު ފުރުމުގެ ކަންކަން ނިމުމަކަށް އަންނާނެ އެވެ. ލައިސަންސަށް އެދުމުގެ މުޅި މަރުހަލާ ޑިޖިޓަލްކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ޑިޖިޓަލްކޮށް ވެސް އަދި ކާޑުގެ ގޮތުގައިވެސް ލައިސަންސް ދޫކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން ޒަމާނީ ފެންވަރަކަށް ތަރައްގީވެ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. ތަންފީޒީ އިދާރާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅުވެ ހަރުދަނާވެގެންދާނެތީ، މި ބަދަލުގެ ފައިދާ ވެސް ތަންފީޒީ އިދާރާތަކަށް ލިބިގެންދާނެއެވެ.

ހިދުމަތްތައް ރަނގަޅު ކުރުމުގެ އިތުރުން ޑިޖިޓަލް ލައިސަންސަށް ގެނައި މި ބަދަލުގެ ސަބަބުން މިހާރު ޕްލާސްޓިކް ކާޑު ޗާޕުކުރުމުގެ ޓްރެންޑް ކުޑަވެ ތިމާވެއްޓާ ރައްޓެހި ހައްލެއް ލިބިގެންދާނެ އެވެ. ލައިސަންސް ދޫކުރާނީ ޑިޖިޓަލްކޮށް ކަމަށް ވިޔަސް ލައިސަންސް ކާޑު ޕްރިންޓް ކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެކަން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޑިޖިޓަލް ލައިސަންސް ތަންފީޒު ކުރުމުގެ ސަބަބުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ރާއްޖޭގައި ދެމުން ގެންދާ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close