ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފި
ޓާފް އަޅަން އެންމެ 3 ދުވަހަށް ވެފައި ވަނިކޮށް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް އެ ދަނޑުގައި ބަޔަކު ރޯ ކޮށްލާފައި ވާކަމުގައެވެ.
މަހުލޫފު ވިދާޅުވެފައިވަނީ މިއީ ބަޔަކު މީހުން، އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަނޑުގައި ރޯ ކޮށްލުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިގެން ދާނެ ކަމުގައެވެ. އޭނާ މިކަން ސިފަ ކުރައްވާފައިވަނީ އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިންގާފައިވާ ފިނޑި އަމަލެއްގެ ގޮތުގައެވެ.
ނޮޅިވަރަމް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމަން ޖެހޭ މަސައްކަތެކެވެ. މި މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 350,000 ރުފިޔާ ކަނޑައަލާފައިވާއިރު 2024 ވަނަ އަހަރުގެ ބަޖެޓްގައި 315,000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
