އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާ އިން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފި
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މުޒާހަރާގެ ތެރެއިން މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯ ވެސް ވަނީ ހިއްސާކޮށްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މުއިއްޒު ގެންގޮސްފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވިއެވެ.
އިދިކޮޅުން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާކުރަމުންދަނީ ކުރީގެ ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު ދޫކޮށްލަން ގޮވާލައެވެ.
މުއިއްޒު ހައްޔަރު ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާ ހައްޔަރުކުރީ ސުލްހަވެރި އެއްވުމެއްގެ ތެރެއިން ކަމަށެވެ. މުއިއްޒު ހައްޔަރު ކުރުމަކީ އެ ކައުންސިލުން ދެކޭ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މާލެ ސީޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮވާފައި ހުރި މޭޔަރުގެ ބާރު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ ޑިސްމަބްރު 25 ވަނަ ދުވަހުގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވައެވެ. އެއާއެކު ގިނަ އިރުތަކެއް ނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔައެވެ.
އެމަނިކުފާނު މިހާރު ހުންނެވީ ހުކުމް ތަންފީޒު ކުރެއްވުމަށްޓަކައި މާފުށީ ޖަލުގައެވެ.




