އިދިކޮޅު ލީޑަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި
ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުން ކްރިމަނަލް ކޯޓްސަރަޙައްދަށް އެއްވަމުން އެބަގެންދަވައެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރުން ކްރިމިނަލް ކޯޓު ކައިރިއަށް ގޮސް ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލަސްވަމުން ދާތީއެވެ.
އިއްޔެ އެ ކޯޓުން ވަނީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ. މި ދައުވާތަށް ކުރީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގަ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރު ކޯޓު ކައިރިޔަށް ވަޑައިގެންނެވީ އިއްޔެ ޔާމީނަށް އިއްވި ހުކުމް ލިޔުމުން ނުލިބިގެން ކަމަށެވެ. އަދި ހުކުމް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުންވެސް އިއްޔެގެ ހުކުމް އިއްވުމުގެ މަޖިލީހުގެ ވީޑިއޯ ޑިލީޑް ކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯޓު ސަރަހައްދުގައި ތިބި ބޭފުޅުންގެ ތެރޭގައި އެމަނިކުފާޏުގެ ގާނޫނީ ވަކީލުންގެ ޓީމު ހިމެނެ އެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ހިމެނެ އެވެ.
އެ ބޭފުޅުންނާއި އެ ސަރަހައްދުގައި ތިބި ފުލުހުން ދަނީ މުއާމަލާތް ކުރަމުންނެވެ. ލީޑާޝިޕްގެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވީ ކޯޓަށް ވަދެ މައުލޫމާތު ސާފު ކުރުމަށެވެ.


