އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖަނަވަރީ މަހު ބާއްވާނެކަން އިއުލާން ކޮށްފި
ވެރިކަން ހިންގާ މައިޕާޓީ، އަދި މިވަގުތު ދިވެހިރާއްޖޭގައިއޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާނެކަން އެޕާޓީން އިއުލާން ކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސި ކެނޑިޑޭޓު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން މިއަދު އިއުލާނުކޮށްފައިވާއިރު، ރައީސް ނަޝީދުވެސް އައި ރައީސް ސޯލިޙްވެސް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.
ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައި އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.
އެހެންކަމުން މިޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން، އެބޭފުޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ ޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް ވަނީ އެ ޕާޓީން އެދިފައެވެ.
މިއާއެކު އެ ޕާޓީން ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންވެެސް އާއްމު ކޮށްފައެވެ.
ރިޔާސީ ޕްރައިމަރީ 2023 ޓައިމްލައިން
• 18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން
•18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
•24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
• 26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
• 28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
• 31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
• 03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
• 10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
• 15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
• 28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

