އާދަޔާޚިލާފު ކުޅުމެއް ދެއްކި މޮރޮކޯ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަނެއްކާވެސް ފައިނަލަށް
ފީފާ ވޯލްޑް ކަޕް 2022ގައި އާދަޔާޚިލާފު ކުޅުމެއް ދެއްކަމުންއައި ވަރުގަދަ މޮރޮކޯ ބަލިކޮށް، ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަނެއްކާވެސް އެމީހުންގެ މަޤާމް ދިފާޢުކުރުމަށް މުބާރާތުގެ ފައިނަލަށްހިނގައްޖެއެވެ.
ސެމީ ފައިނަލްގެ ދެ ވަނަ މެޗުން، 2-0 ގެ ނަތީޖާއިން މޮރޮކޯ ބަލިކޮށް، ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެމީހުން ބައްދަލުކުރަންޖެހޭނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް އެތައްފަހަރަކު ހޯދާފައިވާ ލިއޮނަލް މެސީގެ އާޖެންޓީނާއާއެވެ.
މިއާއެކު، 60 އަހަރުގެ ދިގު ތާރީޚަށް ނިމުމެއް ގެނެސް، ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ތަށި ހޯދާ 3 ވަނަ ގައުމަށް ވުމުގެ ފުރުސަތު ފްރާންސަށް މި ވަނީ ލިބިފައެވެ. އެންމެ ފަހުން ޖެހިޖެހިގެން 2 މުބާރާތެއްގެ ތަށި ހޯދީ ބްރެޒިލް އެވެ. އެއީ 1958 އަދި 1962 ގައެވެ. އޭގެ ކުރިން 1934 އަދި 1938 ގައި އިޓަލީއެވެ.
މިރޭގެ މެޗު ފެށިގެން އެންމެ ފަސް މިނިޓުގެ ތެރޭގައި ފްރާންސުން ވަނީ މޮރޮކޯގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލާފައެވެ. ގްރީޒްމަން ދިން ބޯޅައަކުން ފުލުފުލުގައި އެމްބާޕޭ ފޮނުވާލި 2 ހަމަލާއެއް މޮރޮކޯގެ ޑިފެންޑަރުން ބްލޮކް ކުރިއިރު، ދެ ވަނަ ހަމަލާއަށްފަހު ރިބައުންސް ބޯޅަ ލިބުނީ ވަރަށް ހުސްކޮށް ގޯލު ކައިރީގައި ހުރި ތިއޯ ހެނާންޑޭޒް އަށެވެ. އޭނާ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ބޯޅަ ދިފާއުކުރަން ނުކުމެނުކުމެ ހުއްޓައެވެ.
ނަތީޖާ ހަމަހަމަކުރަން ފުރަތަމަ ހާފުގައި މޮރޮކޯއިން ހަމަލާތަކެއް އުފެއްދިއިރު، އޮނާހީ ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރ ލޮރިސް މަތަކުރީއެވެ. އެލް ޔަމީގް ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ފްރާންސްގެ ޖިރޫ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދަނޑިއަށް އަމާޒުވިއެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅުގައި މޮރޮކޯއިން ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފައްދާ ފްރާންސްގެ ޑިފެންސަށް ބާރުބޮޑު ކޮށްލި ނަމަވެސް، ފްރާންސުން ވަނީ މެޗުގެ 79 ވަނަ މިނިޓުގައި ދެ ވަނަ ލަނޑެއް ޖަހާ، ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެއް މޮރޮކޯއިން ދިފާއު ކުރުމުން ލިބުނު ރިބައުންސް ބޯޅައިން މި ލަނޑު ޖެހީ ބަދަލުގައި ކުޅެން ނުކުތް ކުޅުންތެރިއެއް ކަމަށްވާ ކޯލޯ މުއާނީ އެވެ. މިއީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މި ބައްޔާއެކު، މޮރޮކޯއިން މި ވޯލްޑް ކަޕްގައި އެންމެން ހައިރާން ކޮށްލުމަށްފަހު، ކުރި ހުވަފެނީ އުންމީދީ ދަތުރަށް ވަނީ ނިމުމެއް އަތުވެފައެވެ. ނަމަވެސް، ތިން ވަނަ ހޮވާ މެޗުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފިނަމަ، އެ ގައުމު ވާނީ ވޯލްޑް ކަޕްގެ 3 ވަނަ ހޯދާ އެފްރިކާގެ ފުރަތަމަ ގައުމަށެވެ.

