ޚަބަރު

ނޮޅިވަރަމުގައި މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހާ އަމިއްލައަށް ފުލުހާ ހަވާލުވެއްޖެ

ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ފިރިމީހާ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ގޮސް ހަވާލުވެއްޖެއެވެ.

ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ، 28 އަހަރުގެ ނިޝާމާ މުހައްމަދެވެ. އޭނާ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު 14:15 ހާއިރެވެ. މަރުގެ ތުހުމަތު ކުރެވެނީ ފިރިމީހާއަށެވެ.

ނިޝާމާގެ ފިރިމީހާއަކީ އދ. ފެންފުށީ، ފައިސަލް އަލީއެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ. ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ހދ. ކުޅުދުއްފުއްޓަށް ގޮސްފައެވެ.

އޮންލައިން ނޫސް”ސަން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާ މަރާލިކަމަށް ތުހުމަތު ކުރެވޭ ފައިސަލް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް ހަވާލުވެފައެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މީގެ އިރުތަކެއް ކުރިން ފައިސަލް ވަނީ އޭނާގެ ފޭސްބުކަށް އަންހެނުން، ނިޝާމާ އާއި އޭނާގެ އިތުރުން ދަރިން ތިބި ފޮޓޯތަކެއް އަޕްލޯޑް ކޮށްފައެވެ.

އެނގިފައިވާގޮތުގައި ފައިސަލްއަކީ މަސްތުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. ނިޝާމާއާ ކައިވެނިކޮށްގެން އެ ދެމީހުން ކުރިން ދިރިއުޅެމުން އައީ ފެންފުށީގައެވެ. ނޮޅިވަރަމްއަށް ބަދަލުވީ މިއަހަރުގެ ތެރޭގައެވެ.

“މިރަށުގައި ވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއެކު މުޅިން އުޅޭނީ. ނިޝާމާ އުޅޭނެ ދަންވަރު ވެސް ނުކުމެ އޭނާ ނުފެނިގެން،” ނޮޅިވަރަމްއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

“ސަން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޝާމާގެ އާއިލާގެ މެމްބަރަކަށް ގުޅާލުމުން ވެސް ބުނީ މަރާލި ކަމަށް ތުހުމަތު ކުރަނީ ނިޝާމާގެ ފިރިމީހާއަށް ކަމަށާއި އޭނާ ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ނިޝާމާ މަރާލީ ކީއްވެގެން ކަމެއް އަދި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.

ނިޝާމާ އާއި އޭނާގެ ފިރިމީހާ އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް ވަރަކަށް އަހަރު ވެފައިވާއިރު ހަގު ދަރިފުޅު އުޅެނީ ބޭބީ ނާސަރީގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close