ކުޅިވަރުވޯލްޑްކަޕް-22

ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް ވަރުގަދަ ސްޕެއިން މުބާރާތުން ކަޓައިފި

ދިވެހިންގެ ގިނަބަޔަކު މިފަހަރުގެ ވޯލްޑްކަޕް ފެވަރިޓުންގެ ގޮތުގައި ބަލައިގަތް ވަރުގަދަ ސްޕެއިން، މޮރޮކޯ އަތުން ބަލިވެ މުބާރާތާ އަލްވަދާޢު ކިޔަންޖެހިއްޖެއެވެ.


މުބާރާތުގެ ރައުންޑް އޮފް 16ގައި ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ދެ ޓީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި، ހަމަހަމަ ކުޅުމެކެވެ.

އެހެންނަމަވެސް މެޗުގެ ފުރިހަމަ 90 މިނެޓުގެ ކުޅުމާއި، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރުވެސް ދެ ޓީމަށްވެސް މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުމުން، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ފުރަތަމަ ޕެނަލްޓީ ޖެހީ މޮރޮކޯއިންނެވެ. މޮރޮކޯއިން އަބްދުލްހަމީދް ސަބީރީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއިރު ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ޕަބްލޯ ސަރާބިއާއަށް ޕެލަންޓީ ކާމިޔާބެއް ނުކުރެވުނެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ހަކީމް ޒިޔާޗް ކާމިޔާބުކުރިއިރު ސްޕެއިންގެ ދެވަނަ ޕެނަލްޓީ، ކާލޯސް ސޮލާ ފޮނުވާލިއިރު މި ޕެނަލްޓީއަށް ހުރަސް އެޅީ މޮރޮކޯގެ ކީޕަރު ބޮނޯއެވެ.

މޮރޮކޯގެ ތިންވަނަ ޕެނަލްޓީ ބަދްރު ބަނޫން ފޮނުވާލިއިރު މި ޕެނަލްޓީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފައެވެ. ސްޕެއިންގެ ތިންވަނަ ޕެނަލްޓީ ފޮނުވާލީ ސާޖިއޯ ބުސްކެޓްސް އެވެ. މި ޕެނަލްޓީއަށްވެސް ކީޕަރު ބޮނޯ ވަނީ ހުރަސް އަޅާފައެވެ.

ޕެނަލްޓީގައި މޮރޮކޯގެ ކީޕަރު ދެ ޕެނަލްޓީއެއް ހުއްޓުވިއިރު، މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ބަލިވެ ސްޕެއިންއަށް މުބާރާތް ނިމުނުއިރު، މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ބުނީ، މެޗުގެ ކުރިން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 1000 ޕެނަލްޓީ ޖަހަންދިން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ.

“އަހަރުމެންގެ ކީޕަރުންނަކީވެސް ޕެނަލްޓީ ޖެހުމަށް ތަމްރީނު ވެފަ ތިބި ބައެއް. އެގޮތުން ޓީމުގެ ތިން ކީޕަރުންވެސް ޕެނަލްޓީ ޖަހަން ވަރަށް މޮޅުވާނެ” އެންރީކޭ ބުންޏެވެ.

މި މެެޗުން މޮރޮކޯ މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރާނީ މިރޭ ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close