ޚަބަރު ކްރޭން ބިންދައިގެން ދިޔަނަމަވެސް ބްރިޖް މަޝްރޫއުގެ މަސައްކަތަށް ބުރޫ ނާރާނެ: ޕްލޭނިންގ

ކްރޭން ބިންދައިގެން ދިޔަނަމަވެސް ބްރިޖް މަޝްރޫއުގެ މަސައްކަތަށް ބުރޫ ނާރާނެ: ޕްލޭނިންގ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތަށް ބޭނުން ކުރަމުންދިޔަ ކްރޭނެއް ބިންދައިގެން ދިޔަނަމަވެސް އެމަސައްކަތަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައިމިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ކްރޭނެއް ބިންދައިގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ވެއްޓިފައިވަނީ ޖެކްއަޕް ޕްލެޓްފޯމް މަތީގައި ބަހައްޓާފައިވާ މޯބައިލް ކެރޭނެއްގެ ބައެއް ކަމަށެވެ. ކެރޭން ވެއްޓުނީ ބްރިޖް ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް، ކެރޭންގެ ބޫމް ފެއިލްވެގެން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ހާދިސާ ހިނގީ ވިލިމާލޭގެ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯމްގަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުންވެފައި ނުވާކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ވެއްޓުނު ކެރޭންގެ ބޫމް، މިހާރު ވަނީ ނަގާފަ އެވެ.

މި ހާދިސާއާ ގުޅިގެން މަޝްރޫޢުގެ މަސައްކަތުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެވެ.

ޓެގް

މިނިސްޓްރީ އޮފް ޕްލޭނިން ތިލަމާލެބްރިޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.