ޚަބަރު

50 ރުފިޔާގެ އައު ނޫޓް ބޭނުން ކުރަން ފަށައިފި


ދިވެހި ރުފިޔާގެ ނިޝާނާއެކު ތައާރަފްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު ދައުރުކުރަން ފަށައިފިއެވެ.

ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.

އެގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

ދިވެހި ރުފިޔާގެ ނިޝާނާއެކު ތައާރަފްކޮށްފައިވާ 50 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެކަމަށް އެމްއެމްއޭއިން ހާމަކުުރެއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިސާގެ ނޫޓުތަކަކީ 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close