ޚަބަރު މެދުޒިޔާރަތުގައި ނެގި ދިދަތައް ބާލައިފި

މެދުޒިޔާރަތުގައި ނެގި ދިދަތައް ބާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް



މާލޭގެ މެދުޒިޔާރަތުގައި މީގެ ކުރިން ހުރި ގޮތަށް ދިދަ ނަގަން ފެށުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވުމާއެކު އަލުން ދިދަ ބާލައިފި އެވެ.

މީހުން ވަޅުލާފައި ހުންނަ ތަންތަނުގައި މަގުބަރާ، ޒިޔާރަތް ފަދަ ތަންތަން ހެދުމާއި އެ ތަންތަނަކީ މާތް ތަންތަން ކަމަށް ދުށުމާއި ހާއްސަ މުނާސަބަތުތަކުގައި ދިދަ ނެގުން ފަދަ ކަންކަން ކުރުމަކީ ބިދުއަވެރި އަމަލެއް ކަމަށް އިލްމުވެރީން ދެކެއެވެ. އެހެން ކަމުން މީގެ އަހަރުތަކެއް ކުރީން ފެށިގެން މެދުޒިޔާރަތުގައި ހާއްސަ މުނާސަބަތުތަކާއި ގުޅުވާ ދިދަ ނެގުން އޮތީ ހުއްޓާލާފަ އެވެ.

ނަމަވެސް މިއަހަރުގެ ޖުމްހޫރީ ދުވަހާއި ގުޅިގެން އަލުން އެ ދިދަ ވަނީ ނަގަން ފަށާފައެވެ. އެކަން ސަރުކާރުން މި ކުރީ ތިރީސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެކަމާއި ގުޅިގެން އިލްމުވެރީން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކޮށްފައެވެ. އިލްމުވެރީން ސިފަ ކުރަނީ ނެތި ގޮސްފައިވާ ބިދުއައެއް އިއާދަ ކުރުމުގެ ނުބައި / ނުރައްކާތެރި އަމަލެެއްގެ ގޮތުގައެވެ. އެކަން ނުކުރުމަށް އިލްމުވެރީން ނަސޭހަތްތެރިވެފައިވެއެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފަ އެވެ.

މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އަދި އެތާ ކައިރިން ދާއިރު އިހުތިރާމް ކުރުމުގެ ގޮތުން ހަމްދުއަޅާ ވެސް އުޅުނެވެ. އެހެން ނަމަވެސް އެއީ ދީނީ ގޮތުން ރަނގަޅު ކަންކަމަށް ނުވާ ކަމަށް ބުނެ، އެ ކަންކަން ކުރުން ސަރުކާރުން މަނާކުރީ 1957ވަނަ އަހަރު އެވެ.

މީގެ ކުރީން ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު މެދު ޒިޔާރާތް އާންމުންނަށް ހުޅުވާލަން ނިންމި އެވެ. އެކަމާ ދެކޮޅަށްވެސް އިލްމުވެރީން ތެދުވިއެވެ. އޭރު ސަރުކާރުންވެސް ފުރަތަމަ އެ ނިންމުން ވަރަށް ބޮޑަށް ދިފާއު ކުރިއެވެ. އޭރު އިސްލާމިކް މިނިސްޓްރީގައި ތިއްބެވި ބައެއް ބޭފުޅުންވެސް އެއީ ދީނާއި ގުޅުން ހުރި ކަމެއް ނޫން ކަމަށް ދައްކަން މަސައްކަތް ކޮށް ވާހަކަ ދެއްކެވިއެވެ.

ނަމަވެސް ވަރަށް ގިނަ އިލްމުވެރީންގެ ދެކޮޅު ހެދުންތަކާއެކު އެންމެ ފަހުން ސަރުކާރުގެ ނިންމުން ބަދަލުކުރީ އެވެ.

ޓެގް

މެދުޒިޔާރަތް ހެރިޓޭޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.