ޚަބަރު ކޯވިޑް ވެކްސިން ޕްރޮގްރާމަށް، އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި

ކޯވިޑް ވެކްސިން ޕްރޮގްރާމަށް، އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން 10 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. މި އެހީ ރާއްޖެއަށް ދޭން އޭޑީބީން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި މި އެހީއަކީ “އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ” ގެ ދަށުން ދޭ އެހީއެއް ކަމަށެވެ. މި ފައިސާ ބޭނުން ކުރާނީ ރާއްޖޭގެ ވެކްސިން ޖެހުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ވެސް އޭޑީބީން ބުނެފައި ވެއެވެ.

އޭޑީބީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ހެލްތު ސްޕެޝަލިސްޓް ޑައިލިންގ ޗެން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ވަނީ ކޮވިޑް-19 ވެކްސިން ޕްރޮގްރާމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. އެހެންވެ އޭޑީބީން މި ދޭ އެހީގެ ސަބަބުން ވެކްސިން ކޯލްޑް ސްޓޯރެޖްތައް އިތުރަށް ތަރައްގީ ކުރެވި، ވެކްސިން ޑެލިވަރީ ކުރުމާއި މޮނިޓަރ ކުރުމާއި މެނޭޖްމަންޓް ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި އެ ބޭންކުން ދޭ އެހީގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ސްޓޯރޭޖް އެއް ހަދާނެއެވެ. މިތަނަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ގޮތަށް ހަދާނެ ތަނެއް ކަމަށާއި މި ސްޓޯރޭޖްގައި ވެކްސިނާއި މެޑިކަލް ސާމާނާއި ލެބޯޓްރީ ސާމާނު ރައްކާ ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެކި ރަށްތަކަށް ފަސޭހަކަމާއެކު ވެކްސިން ފޯރުކޮށްފިނުމަށް 7 ސްޕީޑް ލޯންޗާއި ދެ ރެފްރިޖަރޭޓެޑް ޓްރަކާއި ދެ ވޭން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭޑީބީން ވަނީ މީގެ ކުރިން ވެސް ކޮވިޑާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން “ކޮވިޑް އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް” ޕްރޮގްރާމްގެ ދަށުން 50 މިލިއަން ޑޮލަރާއި “އޭޝިއަން ޕެސިފިކް ޑިޒާސްޓަރ ރިލީފް ފަންޑް”ގެ ދަށުން 1.5 މިލިއަން ޑޮލަރާއި، ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި 2 މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ޓެގް

އޭޑީބީ އަމީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.