ޚަބަރު

އެންމެ ފަހުން އަޛްހާން ދަތުރުކުރި ކާރުގެ ޑްރައިވަރުން ދެނެގަނެވިއްޖެ: ފުލުހުން


ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޛުހާން (27އ) އެންމެ ފަހުން ފެނިފައިވާކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ”ރެޑްބުލް ދަނޑު“ ސަރަހައްދުކަމަށާއި، އޭނާ އެންމެ ފަހުން ދަތުރުކުރި ދެ ކާރުގެވެސް ޑްރައިވަރުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ 06:00 އިން ފެށިގެން އަޛުހާންގެ ޚަބަރެއްނުވެ, ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ވަނަ ދުވަހުގެރޭ 19:00 ހާއިރު ކަމަށެވެ.

އެ ގޮތުން އަޛުހާނު ހޯދުމުގެ މަސައްކަތް ވަގުތުން ފަށައި, އަޛުހާނުގެ މަޢުލޫމާތުތައް ފުލުހުންގެ އެކިބަހާތަކަށް ހިއްސާކުރި ކަމަށާއި، ނަމަވެސް ފުލުހުންގެ އެކި ބަހާތަކުން ކުރެވެނު މަސައްކަތުން އޭނާ ހޯދިފައިނުވާތީ، އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދި އާންމުކޮށް އިއުލާނުކުރެވި، އޭނާ އެންމެ ފަހުން ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އަޛުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް، އެ ޓަވަރަށް އެރުމަށްފަހު ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު އެންމެ ފަހުން އަޛުހާން ފެނިފައިވާ ސަރަހައްދުވެސް ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

”އަޛުހާން އެންމެ ފަހުން ފެނިފައިވާކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދެވެ. މީގެ އިތުރުން އަޛުހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިނުވާކަން ވެސް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވެއެވެ.“

ފުލުހުން ވަނީ އަޛުހާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close