ލިވާތު ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރުމުގައި 5 މީހަކު ހަރަކާތްތެރިވޭ، ދެ މީހުން ހައްޔަރުކޮށްފި: ފުލުހުން
ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށްފަހު ވީޑިއޯކޮށް އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ އިސް އޮފިޝަލަކު އޮންލައިން ނޫސް”ސަން”އަށް ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވަނީ އަލަމްގީރުގެ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރުމުގައި ފަސް މީހަކު ހަރަކާތްތެރިވަމުން އަންނައިރު އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި އަނެއް ތިން މީހުން ވެސް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގިނަ ބަޔަކާއެކު އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް ލީކްވެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރި ކުށަށް އިއުތިރާފްވެފައިވާތީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކް މެއިލް ކުރަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމް ގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ ކަމަށް ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ.
އަލަމްގީރަށް އިތުރު 40 ދައުވާއެއް އުފުލާފައިވާއިރު އޭނާއެކު ބަދު އަހްލާގީ އަމަލު ހިންގި ބައެއް މީހުނަށް ވަނީ ކުޑަ ހުކުމްތަކެއް ކޮށްފައެވެ.