ޚަބަރު އަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން: ރައީސް

އަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫންކަމުގައި، ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 130ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ގައުމު ދިފާއު ކުރުމުގެ ކޮންޓްރޯލް ދިވެހި ސިފައިންގެ އަތުގައި އޮންނަން ވާނެކަން، ދިވެހި އަސްކަރިއްޔާގެ ކޮންމެ ފަރުދަކުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއަށް ވުރެ މަތީ ޒިންމާއެއް ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ތިޔަ ހިތްވަރުގަދަ ސިފައިން ވެސް، އެންމެ މުގައްދަސް ވާޖިބެއްކަމުގައި ދެކޭނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުންކަން އަޅުގަނޑަށް ޔަގީން. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރަކުން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން ކަމަށެވެ. ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ގައުމީ ހިދުމަތުގައި ސިފައިން ސާބިތުވެ ތިބުމުގެ ފަހަތުގައި ވަނީ، ސިފައިންގެ އާއިލާތަކުން ވަމުންދާ މަތިވެރި ގުރުބާނީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ބަވަނަވަމުން މިދާ ދުނިޔޭގައި، ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މިރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރުވެސް، މިއަދު މިވަނީ ކުރިއަށް ވުރެ މާ ބޮޑުވެފައި،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާސަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ ނުރައްކާތައް ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުންދާ ކަމަށެވެ. ޓެރަރިޒަމްގެ އުކުޅުތައް ވެސް ބަދަލުވަމުން އަންނަ ކަމަށާއި ނުރައްކާތެރިކަން އިތުރުވަމުން އަންނަކަން ފާހަގަރައްވާ ރައީސް ވިދާޅުވީ އެތެރެ އާއި ބޭރުން ވެސް އެ ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިން ކަމަށާއި އެކަމަށްޓަކައި، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޓެގް

ސިފައިން އެމްއެންޑީއެފް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.