ޚަބަރު ޕްލެޓްފޯމް އެރުމުގެ ސަބަބުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ބުނެފި

ޕްލެޓްފޯމް އެރުމުގެ ސަބަބުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ބުނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތިލަ-މާލެ ބްރިޖްގެ މަސައްކަތައް ގެންގުޅުނު ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުންބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ބެލުމުގެ ސާވޭ މިއަދު ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަދު ވަނީ 80 މީޓަރުގެ ސަރަހައްދެއް ބަލާފައި ކަމަށް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ މިއަދު ބެލި ބެލުމުން ފަރަށް ފުދޭ ވަރަކަށް ގެއްލުން ވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

“ފަރުގެ މައި ބަޔަށް ބޮޑު މިންވަރަކަށް ވަނީ ގެއްލުން ވެފައި. މުރަކަތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި.” ނައީމް ވިދާޅުވިއެވެ.

މިއަދު ފެށި ސާވޭ މާދަމާ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އަދި ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަހުން ކުރި ގަދަ ވިއްސާރައިގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، މިދިޔަ މަހުގެ 16 ވަނަދުވަހު އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ބިދޭސީ ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

އެ ޕްލެޓްފޯމް ފަރުން ނެގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި މި މަހުގެ 4 ވަނަ ދުވަހު ޕްލެޓްފޯމްއިން ފަރަށް އެޅިފައި ހުރި ކުނިތައް ނަގައި އެތަން ވަނީ ސާފުކޮށްފަ އެވެ.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ހަދަވީ ބްރިޖްގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އާއި އީޕީއޭ ގުޅިގެނެވެ.

ޓެގް

ޕްލެޓްފޯމް އީޕީއޭ ވިލިމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.