ޔާޔާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދުމުން ކޯޓުން އޭނާ ދޫކޮށްލައިފި
މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާތީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ޔާޔާ ހައްޔަރުކޮށްފައި ވަނީ އޭނާ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ފުލުހުން ބުދަ ދުވަހު މީޑިއާއަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ކޮށްފައިވާ މައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޔާޔާ ބަންދުން ދޫކޮށްލީ މިއަދު ހެނދުނުއެވެ.
އޭނާ ދޫކޮށްލުމަށް އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ.
އޭގެ އިތުރުން، އޭނާ ބަންދުުން ދޫކޮށްލައިފިނަމަ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އެ އަމުރުގައި ވެއެވެ. އެހެންކަމުން އެއީ އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް އެ އަމުރުގައި ވެއެވެ.
އަދި އޭނާ ފިލާފާނެ ކަމަށް ފެންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
“ފޯނުގެ ޕާސްވޯޑް ނުދިނުމާ މީހަކު ފިލައިގެން ދިއުމާ މި ދެކަމަކީ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ޕާސްވޯޑް ނުދިނުމަކީ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ”. ކޯޓު އަމުރުގައި ވެއެވެ.
އޭގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުން ފާހަގަކޮށް ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ހެކީންނަށް ތިބީ އޭނާގެ އާއިލާ މީހުންނާއި އޭނާގެ މީސް މީޑިއާގައި ލައިވްކުރާ ކަންކަން ބަލާ މީހުން ކަމަށްވާތީ އެ ފަރާތްތަކަށް އޭނާ ނުފޫޒު ފޯރުވާފާނެ ކަމަށެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އަންހެނުންގެ ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާއްމުކުރަމުން އަންނަ ނަބީލް މިދިޔަ އަހަރު ވެސް ބަރަހަނާ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި ހައްޔަރު ކުރިއެވެ. އެފަހަރު އޭނާ ދޫކޮށްލީ ދެމަސް ދުވަސް ވަންދެން މީސް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރަން ޝަރުތުކޮށްފައެވެ.
އެންމެ ފަހުން ނަބީލް ހައްޔަރުކޮށްފައި ވަނީ ފާހިޝް އަމަލުތައް ހިންގާ މީހުންނާއިމެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމުގެ ތުހުމަތު ވަރަށް ބޮޑަށް އެޅިފައިވާ ދަނޑިވަޅެއްގައެވެ.
