އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިއަދު ކުށް ސާބިތުވެ ބަންގްލަދޭޝްގެ އަލަމްގިރު ޖަލަށްލާން ހުކުމް ކުރި ގާޟީއަށް ވެސް ތައުބާ ލައިދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިފަދައިން ވިދާޅުވީ، އަލަމްގިރް ކުށަށް އިއުތިރާފުވުމުން ދައުލަތުން އޭނާގެ މައްޗަށް އުފުލި ތިން ދައުވާ ސާބިތުވެ، އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެކީ ދައުލަތުން އޭނާ އެދިގެން ތައުބާ ލައިދިނުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
އަލަމްގިރްއަށް ހުކުމް ކޮށްފައިވަނީ ގާޟީ އަލީ އާދަމް އެވެ.
އަލަމްގިރްއަށް ކުރި ހުކުމާއި މެދު ހިތް ހަމަ ނުޖެހިގެން އިޔާޒް ކުރެއްވި ޓުވިޓުގައި ވިދާޅުވީ، އެފަދަ ހުކުމެއް ކުރާނީ ގާޟީއަށް ޝަރީއަތުގައި އޮންނަ ހުކުމެއް ނޭނގިގެން ނުވަތަ ހައްގުގޮތް އެނގުނަސް އަމިއްލަ މަސްލަހަތައްޓަކައި އޮތީ ހުކުމް ބަދަލު ކޮށްފައި ކަމަށެވެ.
އިޔާޒް ވިދާޅުވީ، އަނެއް ގޮތަކީ އިސްލާމީ ޝަރީއަތުގައި އޮތް ހުކުމަށްވުރެ މޮޅު ހުކުމެއް ކުރާނަމޭ ހިތާ ކުރާނެ ހުކުމެއް ކަމަށެވެ. މިފަދައިން ވިދާޅުވެ އިޔާޒް ވިދާޅުވީ، އަލަމްގިރްއަށް ހުކުމް ކުރި ގާޟީއަށް ވެސް ތައުބާ ލައިދޭން ޖެހޭ ކަމަށެވެ.
“ތައުބާ ލައިދޭންވީ އަލަމްގިރްއަށް އެކަންޏެއް ނޫން. ގާޟީއަށް ވެސް ތައުބާ ލައިދޭންޖެހޭ” އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްއަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިން އަންނަނީ އެއީ އެންމެ އެކަށީގެންވާ އަދަބު ނޫން ކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...