ސޮނާލީ ޕޯގަޓްގެ މަރުގެ މައްސަލާގައި އޭނާގެ ޕާސަނަލް ސެކްރެޓަރީވެސް ހައްޔަރުކޮށްފި
މަޝްހޫރު ފިލްމީތަރި ސޮނާލީ ޕޯގަޓްގެ މަރުގެ މައްސަލައިގައި އޭނާގެ ޕާސަނަލް ސެކެރެޓަރީ ސުދީރް ސާންގްވަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޝޫޓިންގްއަކަށް ގޯއާ ގޮސް އުޅެނިކޮށް ބަތަލާ އަދި ބިޖޭޕީއަށް ނިސްބަތްވާ ސޮނާލީ މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ހާޓްއެޓޭކެއް ޖެހިގެންކަމަށް ބުނިނަމަވެސް މިމައްސަލަ މިހާރުވަނީ މުޅީން އެހެންގޮތަކަށް ބަދަލުވެފައެވެ.
42 އަހަރުގެ ބަތަލާގެ މަރާއި ގުޅިގެން އޭނާގެ ޕާސަނަލް އެސިސްޓެންޓްގެ އިތުރުން ސުކްވިންދަރު ސިންގް ނަމަކަށްކިޔާ މީހަކުވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސޮނާލީގެ ހަށިގަނޑުގެ އޮޓޮޕްސީއަށްފަހު އޭނާގެ މަރާއި ވިދިގެން ތުހުމަތުކުރެވޭ ކަންތައްތަކެއް ފެންމަތިވުމާއެކު ފުލުހުން ދިޔައީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އޮޓޮޕްސީ ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ސޮނާލީގެ ހަށިގަނޑުން ޒަޚަމްތަކެއް ފެނުމުގެ އިތުރުން އޭނާގެ ނުރުހުމުގައި އޭނާގެ ހަށިގަނޑުގައި އަތްލާފައިވުމުގެ ނިޝާންތައް ހިމެނެއެވެ.
އޮޓޮޕްސީ ރިޕޯޓުން އަދިވެސް ސޮނާލީގެ މަރުވި އަސްލު ސަބަބު އޮޅުން ނުފިލާކަމަށާއި ހަޤީޤީ ސަބަބު ހާމަވެގެންދާނީ އޮޓޮޕްސީގެ ކެމިކަލް ތަހުލީލުތަކަށް ފަހުގައިކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާގޮތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުންވެސްވަނީ ސޮނާލީއަށް ގަދަކަމުން އެއްޗެއް ބޯންދިނުމަށްފަހު އޭނާގެ ނުރުހުމުގައި އެމީހުންތިބި ހޮޓަލަށް ގެންގޮސްފައެވެ.
ސޮނާލީގެ އާއިލާއިން ތުހުމަތުކުރަނީ އޭނާގެ ނުރުހުމުގައި ބަދުއަޚްލާގީ އަމަލު އޭނާއާއެކު ހިންގާފައިވާ ކަމުގައެވެ.
ސޮނާލީގެ އެސިސްޓެންޓް ސުދީރްއާއި ބައިވެރިޔާ ސުކްވިންދަރުވެސް ހައްޔަރުކޮށްފައިވަނީ މި ތުހުމަތުގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރިއަލިޓީ ޝޯވް “ބިގް ބޮސް 14” އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާގެ ފުރާވަރަށް އަރަމުން އަންނަ އަންހެން ކުއްޖަކުވެސް އެބަހުއްޓެވެ.
އޭނާގެ އާއިލާއިން ބުނެފައިވަނީ މިމައްސަލައިގެ އެންމެ ފުނަށް އެމީހުން ދާނެކަމަށާއި ސޮނާލީއަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރާނެ ކަމުގައެވެ.


