ސޮނާލީ ފޮގަތް މަރާލީ ގަސްދުގައި ދުރާލާ ރާވައިގެންކަން ހާމަ ވެއްޖެ
އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ހަރިޔާނާ ސްޓޭޓްގެ ލީޑަރު އަދި “ބިގް ބޮސް 14” އިން މަޝްހޫރުކަން ހޯދި ސޮނާލީ ފޮގަތް މަރާލީ ގަސްދުގައި ދުރާލާ ރާވައިގެންކަން ހާމަ ވެއްޖެ އެވެ.
އޭނާ މަރުވެފައި އޮއްވަ ފެނުނީ މިމަހުގެ 23 ވަނަ ދުވަހު ހެނދުނު އޭނާ ގޯއާގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ކޮޓަރިންނެވެ. އެކުވެރިން ތަކަކާއި އެކު ޗުއްޓީ ހޭދަ ކުރަން ގޯއާއަށް ދިޔަ ސޮނާލީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ކުރިން ރިޕޯޓުކޮށްފައިވެ އެވެ.
އެކަމަކު އާއިލާއިން އެދިގެން ހެދި އޮޓޮޕްސީ ރިޕޯޓުން އޭނާގެ ހަށިގަނޑުން ޒަހަމް ތަކާއި ކެމިކަލްގެ އަސަރު ފެނިފައިވާތީ އޭނާގެ މަރާއި މެދު ވަނި ޝައްކު އުފައްދާފަ އެވެ.
އެހެންވެ ގޯއާ ފުލުހުން ހިންގި އޮޕަރޭޝަންގައި ސޮނާލީގެ އެސިސްޓެންޓު ސުދީރު ސަންގްވަން އާއި އޭނާގެ ގާތް މީހެއް ކަމަށްވާ ސުކްވިންދަރް ސިންގ ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ސުކްވިންދަރަކީ ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވާ މީހެކެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ އޭނާ މަރުވެފަ އޮއްވަ ފެނުމުގެ އެއްގަޑިއިރު ކުރިން ސޮނާލީ އާއި އެކު އެ ދެމީހުން ޕާޓީކޮށްފައިވާތީ އެވެ. އަދި އެމީހުން ޕާޓީ ކުރި ނައިޓް ކްލަބްގެ ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި އެ ދެމީހުން ގަދަކަމުން ސޮނާލީއަށް އެއްޗެއް ބޯންދޭތަން ފެންނަ އިރު އޭގެ ފަހުން އަސްލަފުކޮށްގެން އެތަނުން ނެރެގެން ގެންދާތީ އެވެ.
ތަހުގީގުގައި އެ ދެމީހުން ވަނީ ބާރުގަދަ ކެމިކަލެއް ސޮނާލީގެ ފެންތައްޓަށް އެޅިކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ އެ ފެން ބޯން ދެކޮޅު ހެދުމުން ގަދަ ކަމުން ބޯންދިން ކަމަށް އެމީހުން އެއްބަސްވި އެވެ.
އެ ފެން ބުއިމުގެ ސަބަބުން ސޮނާލީގެ ހަށިގަނޑަށް އޭގެ އަސަރުކޮށް ކޮންޓްރޯލް ނުކުރެވޭވަރުވުމުން އޭނާ އަސްލަފު ކޮށްގެން ގެންދިޔައީ ފާހާނާއަށް ކަމަށް އެމީހުން ތަހުގީގުގައި ބުންޏެވެ. އެއީ ފަތިހު 4:10 ހާއިރު ކަމަށްވާއިރު އޭނާ ފާހާނާއިން ނުނުކުމެ ދެ ގަޑިއިރު ވެ އެވެ.
އެ ދެގަޑިއިރު ތެރޭގައި އެމީހުން އޭނާއަށް ހެދި ގޮތެއް މިހާތަނަށް ތަހުގީގުގައި ބުނެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތަކަކީ ޖިންސީ ގޯނާގެ ނިޝާންތަކެއްް ނޫން ކަމަށާއި ބެލެވޭ ގޮތުގައި އެއީ އޭނާ ހިފެހެއްޓުމުގެ ސަބަބުން ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ގޯއާ ފުލުހުން ބުނީ ސޮނާލީ މަރާލުމުގެ ފަހަތުގައި ވަނީ ސިޔާސީ ނުވަތަ ވިޔަފާރީގެ ހިތްހަމަ ނުޖެހުމެއް ކަމެއް އަދި ނޭނގެ އެވެ. އެއީ ތަހުގީގަށް ބޭނުންވާ އެފަދަ މައުލޫމާތުތަކާއި ގުޅޭ ސުވާލުތަކަށް ހައްޔަރު ކުރި މީހުން ޖަވާބު ނުދޭތީ އެވެ.
ގޯއާ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



