ލާލް ސިންގް ޗައްދާގެ ބޮޑު ފެއިލްވުމަށް ފަހު، އާމިރު ޚާން ލީޑް ކުރި “މޮގުލް” ވެސް ޝެލްފް ވެއްޖެ
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އަހަރުގެ އެންމެ މޮޅު ފިލްމު ކަމަށްވާނެކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި “ލާލް ސިންގް ޗައްދާ” ނާކާމިޔާބުވެ ބޮކްސް އޮފީހުގައި ވަނީ ދަށުދަރަޖައަކަށް ވެއްޓިފައެވެ.
މަދު ޚަބަރުތަކެއް ބުނާގޮތުން މިކަމުގެ ސަބަބުން އާމިރު ހިތްދަތިވެފައިވާއިރު، އެކްޓަރު މިހާރު ދަނީ ފިލްމުތަކުން ބްރޭކެއް ނަގަން ރާވަމުންނެވެ.
އަދި ހަމަ އަނެއްކޮޅުން އާމިރު ‘މޮގުލް’ ގެ މަސައްކަތް ފަށަން ޖެހުނު ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މަރުހޫމް މިއުޒިކް މޮގަލް ގުލްޝަން ކުމާރުގެ ބައޮޕިކް އުފެއްދި ފަރާތްތަކުން ވަނީ އެ ޕްރޮޖެކްޓް ހުއްޓާލަން ނިންމާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލާލް ސިންގް ޗައްދާގެ ޕާފޯމަންސް ތަހުލީލު ކުރުމަށް ފަހު ފިލްމު އުފައްދާ ކުންފުނިތަކުން ވަނީ މުއްދަތެއް ނެތް ގޮތަށް އާމިރުގެ ފިލްމުތައް ޝެލްފްކޮށްފަ ނުވަތަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނިންމާފައެވެ.
އާމިރު ޚާނަކީ އަބަދުވެސް އޭނާގެ ފިލްމުތައް ވަރަށް ޚާއްސަ އަދި ތަފާތު ގޮތްތަކަށް މާކެޓް ކުރާކަމަށް މަޝްހޫރު އެކްޓަރެކެވެ. ގިނަ އެކްޓަރުން އެމީހުންގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް ރިއަލިޓީ ޝޯތަކާއި ކޮމެޑީ ޝޯތަކުގައި ބައިވެރިވާއިރު އާމިރު ޚާނަކީ މިފަދަ ޝޯތަކުގައި އެއްގޮތަކަށް ވެސް ބައިވެރިވާ އެކްޓަރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ބަލަނީ އެހެން މީހުން ފިލްމު ޕްރޮމޯޓްކުރަން ނުގެންގުޅޭ ގޮތްތަކެއް ހޯދައިގެން އެގޮތަކަށް ކަންތައް ކުރެވޭތޯ އެވެ.


