ޚަބަރު އަނިޔާވެރި ގޮތަކަށް ޝިޢާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލުގެ ބަންދުގެ އަޑުއެހުން ސިއްރުކޮށްފި

އަނިޔާވެރި ގޮތަކަށް ޝިޢާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލުގެ ބަންދުގެ އަޑުއެހުން ސިއްރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ބޯބުރިކޮށްލާ، އަތްފައިގެ ގުނަވަންތައް ވަކިކޮށް، އަނިޔާވެރި ގޮތަކަށް އަނބިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލުގެ ބަންދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

ހ. ޝީރީންވިލާގައި ރޭ މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އޮތީ މިއަދު ކްރިމިނަލް ކޯޓްގައެވެ.

ރޭގެ ދަންވަރު ޝިއާއު މަރާލާފައިވަނީ އަނިޔާވެރި ގޮތެއްގައެވެ. އެގޮތުން އޭނާގެ ބޯ ހަށިގަނޑާ ވަކިކޮށްފައިވާއިރު، އަތްފައިވެސް ބުރިކޮށްފައިވާކަމަށް ކުށް ހިނގި ތަނަށް ފުރަތަމަ ދިޔަ ފުލުހެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ޝާހިލަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެކެވެ. މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ. އެކަމަކު، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝާހިލްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން މިއަދު ބޭއްވުމަށް ހަމަޖެއްސި ނަމަވެސް، ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ އަޑުއެހުން ސިއްރު ކުރަން ނިންމާފައެވެ. އަޑުއެހުން ސިއްރުކުރި ސަބަބާއި ގުޅޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ. އެކަމަކު، އެކަން ވެސް އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

އުމުރުން 23 އަހަރުގެ ޝާހިލް އަކީ ގައުމީ ފެންވަރުގެ ސްކޭޓަރެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ސްކޭޓިން ކޮމްޕެޓިޝަނުގައި އެއްވަނަ ވެސް ހޯދާފައެވެ.

ޓެގް

މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.