ސައުދީގެ ވަލީއަހުދު އާއި ކަޒަކިސްތާނުގެ ރައީސް ބައްދަލު ކުރައްވައިފި
ޖިއްދާ (ޖުލައި 23) – ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު ޖިއްދާގައި ކަޒަކިސްތާނުގެ ރައީސް ކަސިމް ޖޯމާޓް ޓޮކަޔޭވް އާއި ބައްދަލުކުރައްވައި، ދެ ލީޑަރުން ވަނީ ދެ ގައުމުގެ ގުޅުން މުރާޖައާކޮށް މަޝްވަރާކުރައްވާފަ އެވެ.
އަދި ސައުދީ އަރަބިއްޔާ އާއި ކަޒަކިސްތާނާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުން އިތުރުކުރުމާ ބެހޭ ގޮތުން ވެސް ވަލީއަހުދު އާއި ޓޮކަޔޭވް މަޝްވަރާ ކުރެއްވި އިރު، އެއް މަސްލަހަތު ހުރި ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަޒަކިސްތާނުގެ ލީޑަރު ޖިއްދާއަށް ވަޑައިގެންނެވިއިރު، ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދު އަލް ފައިސަލް އާއި އެންވަޔަރަންމަންޓް އެންޑް ވޯޓާ މިނިސްޓަރު އަބްދުއްރަހްމާން ބިން އަބްދުލްމޮހުސެން އަލް ފަދްލީގެ އިތުރުން ގިނަ އަދަދެއްގެ އޮފިޝަލުން ވަނީ މަރުހަބާ ކިޔުއްވާފަ އެވެ.
އެއަށްފަހު އަލްސަލާމް ޕެލަސްގައި ހުންނަ ރޯޔަލް ކޯޓުގައި ޓޮކަރެވްއަށް ރަސްމީކޮށް ރިސެޕްޝަން ރަސްމިއްޔާތެއް ބޭއްވުމަށްފަހު މަޝްވަރާތަކުގެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
މި ޖަލްސާގައި އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ބިން އަބްދުލްއަޒީޒްއާއި، ނޭޝަނަލް ގާޑްގެ މިނިސްޓަރު ޕްރިންސް އަބްދުﷲ ބިން ބަންޑާރު ބިން އަބްދުލްއަޒީޒް އާއި ޑރ. ޕްރިންސް ފައިސަލް ބިން ފަރުހާން ބިން އަބްދުﷲ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި އެހެނިހެން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކަޒަކިސްތާނުގެ ފަރާތުން ހުންނެވީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޚްތާރު ޓްލެއުބަރދީއާއި، ރައީސް އޮފީހުގެ ފަސްޓް ޑެޕިއުޓީ ޗީފް ޓިމޫރު ސުލައިމެނޯވް އާއި ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޓަގްރޭޝަން ޑރ. ބަޚިތު ސުލްތާނޯވް އާއި ރިޔާސީ ޗީފް އޮފް ސްޓާފްގެ ނައިބު އަދި ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމަށް ރައީސްގެ ޚާއްޞަ މަންދޫބު ޑރ. އެރްޒާން ކާޒިޚާންއާއި، އެނާޖީ މިނިސްޓަރު ބުލަޓް އަކްޝުލަކޯވް އާއި ނޭޝަނަލް ވެލްތު ފަންޑުގެ ޗެއާމަން ޑރ. އަލްމަސަދަމް ސަޓްކަލިއެވް އާއި ކަޒަކިސްތާނުގެ ސަފީރު ޑރ. ބެރެކް އަރީން އާއި ގިނަ އަދަދެއްގެ އޮފިޝަލުންނެވެ.
މީގެ ކުރިން ސައުދީ މިނިސްޓްރީ އޮފް އިންވެސްޓްމަންޓުން ބުނީ ސައުދީ-ކަޒަކިސްތާނުގެ އިންވެސްޓްމަންޓް ފޯރަމް އާދީއްތަ ދުވަހު އިންތިޒާމް ކުރަމުންދާއިރު، އެ ފޯރަމްގައި ރައީސް ޓޮކާޔޭވް އާއި ސައުދީ އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު ބިން އަބްދުލްއަޒީޒް އަލް ފާލިހް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
އަދި ޕެޓްރޯކެމިކަލްސް، އިއާދަކުރަނިވި ހަކަތަ، ފެން ޑީސެލިނޭޝަން، މައިނިން، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ކިންގްޑަމްގެ ވިޝަން 2030 އާ ގުޅޭ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި އެންމެ އުއްމީދީ އިންވެސްޓްމަންޓް ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އެސްޕީއޭއިން ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އަދި ދެ ފަރާތުގެ މެދުގައި ގިނަ އަދަދެއްގެ އިންވެސްޓްމަންޓް އެގްރީމެންޓްތަކާއި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންތަކުގައިވެސް ސޮއިކުރެވޭނެ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.



