ޚަބަރު

ބޮޑީބިލްޑިން މުބާރާތް ނުބޭއްވުމަށް ދީނީ އިލްމުވެރިން ގޮވާލައިފި

ދެޖިންސުގެ މީހުންގެ ވަނާތައް ފާޅުކޮށް، މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ބޮޑީބިލްޑިން މުބާރާތް ނުބޭއްވުމަށް ދީނީ އިލްމުވެރިން ގޮވަލައްވަމުން އެބަދެއެވެ.

ރާއްޖޭގައި އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ، އެމުބާރާތް ބާއްވާނެކަން މިނިސްޓަރ މަހުލޫފްވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. ކ.މާފުށީގައި ބާއްވާ މިމުބާރާތުގައި ރާއްޖެއިންވެސް އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާކަމަށް މައުލޫމާތު ލިބިފައެވެ.

މިމުބާރާތް ހުއްޓާލުމަށް މިނިސްޓަރ މަހުލޫފް ޓެގް ކުރައްވައި ސޯޝަލް މީޑިއާގައި ގޮވާލައްވާފައިވާ ދީނީ ޢިލްމްވެރިންގެ ތެރޭގައި ޑރ.އިޔާޒު އާއި އައްޝައިޚް ޢަބުދުﷲ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.  

ޑރ. އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގައިގެން ބޮޑު ފާޙިޝް އަމަލަކުން އަރައި ނުގަނެވިގެން އުޅޭ ދަނޑިވަޅެއްގައި އަނެއްކާވެސް ދެޖިންސުގެ މީހުންގެ ވަނާތައް ފާޅުކޮށް ޤައުމަށް އިތުރަށް ގެއްލުންވާ ގޮތަށް ހިންގޭ ހަރަކާތްތައް ނުހިންގުމަށް ނަސޭހަތްތެރި ވާކަމަށެވެ.

އައްޝައިޚް ޢަބުދުﷲ ރަޝީދު ލިޔުއްވާފައިވާ ފޭސްބުކް ޕޯސްޓެއްގައިވަނީ “މިނިސްޓަރ މަހްލޫފެވެ! އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގެ ނަމުގައި އާންމުން ދިރިއުޅޭ ރަށެއްގައި އަންހެނުން ބިކިނީގައި ދައްކައިލެވޭ އިވެންޓެއް އިންތިޒާމު ތިޔަ ކުރައްވަނީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށެވެ.

ތިޔަ މުންކަރާތް ހުއްޓައިލުމަށާއި، މާތްވެގެންވާ އިސްލާމްދީނާއި  ރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ބޯލެނބުމަށް ހަރުއަޑުން ގޮވައިލަމެވެ.” މިހެންނެވެ.

އިޔާޒު ވިދާޅުވީ މީގެ ކުރިން ބޮޑީބިލްޑިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ވަރަށް ވުރެއްވެސް މާބޮޑަށް ގޯސްކޮށް މީހުން ދިރިއުޅޭ ރަށެއްގައި މިހަރަކާތް ބޭއްވުމަކީ އެއްގޮތަކަށްވެސް ޖާގަ ދެވިގެންވާނެ ކަމެއްނޫންކަމަށެވެ. އަދި މިކަން ހުއްޓާލުމަށް އިޔާޒު ވަނީ މަހުލޫފަށް ގޮވާލާފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. އޭޝިއާ ބައްރުގެ 26 ގައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ވާދަަކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ ބޮޑީބިލްޑިން މުބާރާތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close