ޢިއްޒަތާއި ޤަދަރު ލިބިގެންވާ ބަޔަކަށް ވެވޭނީ އެއްބައިވަންތަކަށް ހަރުދަނާކޮށްގެން: ޚުތުބާ
ޢިއްޒަތާއި ޤަދަރު ލިބިގެންވާ ބަޔަކަށް ވެވޭނީ އަހަރުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަށް ހަރުދަނާކޮށްގެން ކަމަށާއި ހަޔާތުގެ ސަމުގާއަކަށް އިސްލާމް ދީނާއި ދީނުގެ ރިވެތި އަހުލާގުތައް ހަދައިގެން ކަމަށް އީދު ހުތުބާގައި މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދުގައާއި، ރާއްޖޭގެ ގިނަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި މިއަދުގެ ޢީދު ނަމާދު ވަނީ ޖަމާއަތުގައި ކޮށްފައެވެ.
މިއަދުގެ ޢީދު ޚުތުބާގައި އެންމެ ބޮޑަށް ބާރު އަޅައި ގޮވާލާފައިވަނީ އެއްބައިވަންތަކަން ޤާއިމް ކުރުމަށާއި، އެކުވެރިކަން އާލާކުރުމަށެވެ. ހަމަ މިއާއިއެކު ފާފަތަކުން ދުރުހެލިވެ އިސްލާމީ ރީތި އަދަބުތަކުގެ ތެރޭގައި ޢީދުގެ ހަރަކާތްތައް ފާހަގަ ކުރުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.
އީދު ޚުތުބާގައި ބުނީ ޢިއްޒަތާއި ޤަދަރު ލިބިގެންވާ ބަޔަކަށް ވެވޭނީ އަހަރުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަށް ހަރުދަނާކޮށްގެން ކަމަށާއި، ބައިބައިނުވެ އެއްގަލަކަށް އަރައި މަސައްކަތް ކުރާ ބަޔަކަށް ވެގެން ކަމަށެވެ.
މިވެސް ކިޔާލާ:
” މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވީ އެމީހުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެމީހުންނަށް ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށްވީ ބައިބައިވުމެވެ.” އީދު ޚުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫން ކަމަށާއި އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށް ކަމަށެވެ.
ޢީދު ޚުތުބާގައި ވަނީ އިސްލާމީ އުންމަތުގެ ތެރެއިން ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި އީދު ދުވަސްފާހަގަ ކޮށްފައިވާ ގޮތަށްވެސް އަލި އަޅުވާލާފައެވެ. އެގޮތުން އިބްރާހިމްގެ ފާނާއި އެކަލޭގެ ފާނުގެ ދަރިކަލުން އިސްމާއިލްގެ ފާނަށް ޢީދުގައި ކުރިމަތިކުރެއްވި އިމްތިހާނަށް ވަނީ އަލި އަޅުވާލާފައެވެ. މިފަދަ ކޮންމެ ހާދިސާއަކުން ޢީދުގެ މާތްކަމާއި މަތިވެރިކަން މުސްލިމުންގެ ހިތްތަކަށް ގެންނަންޖެހޭކަމަށް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.




