ޚަބަރު

ޝައިޚް ފަޒްލޫނުގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ ޝައިޚް ފަޒްލޫން ބިން މުހައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހު 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ފަޒްލޫނުގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭރު އޭނާގެ ބަންދަށް ޖެހި 7 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީއެވެ. މިއީ ޝައިހް ފަޒްލޫނުގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫންގެ އިތުރުން ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު ތިން ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 13 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ޝައިހް ނިޝާން ހައްޔަރުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ނިޝާން ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުން އޭނާ ވަށާލުމަށް ފަހުއެވެ. ޝައިހް އެއިރު ނިޝާންގެ ދަރިފުޅު އޭނާގެ ކައިރީގައި ބިރުން ހުރިހެން ހީވިއެވެ. އެއާއެކު އޭނާ ބައްދާލާ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ. އެހެންވެ ސޯޝަލް މީޑިއާގައި ގިނަ މީހުން ފުލުހުންނަށް ފާޑުކިޔާފައި ވެސް ވެއެވެ.

ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ ނަގާފައި ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޝައިޙުންގެ އިތުރުން، އެ ދުވަހު ދެން ހައްޔަރުކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) އާއި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލެވެ. އޭގެ ތެރެއިން ރައްޒާން މިދިޔަ އަންގާރަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close