ޔޫކްރެއިން ސްޓޭޝަން ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި، އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ: ގަވަރުނަރު
ޔޫކްރެއިންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކްރަމަޓޮރަސްކްގެ ރޭލް ސްޓޭޝަނަކަށް ދިން ހަމަލާތަކެއްގައި 50 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ހުކުރު ދުވަހު ވިދާޅުވި އެވެ.
“ފަންސާސް މަރު، އޭގެ ތެރެއިން ފަސް ކުދިން. މިއީ ކްރަމަޓޮރަސްކްގެ ރޭލް ސްޓޭޝަންގައި ރަޝިއާގެ އޮކިއުޕޭޝަނަލް ފޯސަސްއިން ދިން ބަޑީގެ ހަމަލާއަށްފަހު މި ދަނޑިވަޅުގައި މަރުވި މީހުންގެ އަދަދު،” ޑޮނޭޓްސްކް ސަރަހައްދުގެ ގަވަރުނަރު ޕަވްލޯ ކިރިޔާލެންކޯ ޓެލެގްރާމްގައި ވިދާޅުވި އެވެ.
ޒަޚަމްވި މީހުންގެ އަދަދު ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށާ، ޒަޚަމްވި މީހުންގެ އަދަދު އަދިވެސް 98 އަށް ވުރެ މައްޗަށް ދާނެ ކަމަށާ، އޭގެ ތެރޭގައި 16 ކުޑަކުދިންވެސް ހިމެނޭ ކަމަށް ގަވަރުނަރު ވަނީ އިންޒާރު ކޮށްފައެވެ.
ކްރިލެންކޯ ވިދާޅުވީ، ޒަޚަމްވި މީހުންގެ ތެރެއިން 12 މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށާއި، 38 މީހުން މަރުވެފައިވަނީ “ވަގުތުން” ކަމަށެވެ.
އަދި އެމީހުން ކުރި ކުށްތަކަށް އަދަބު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭލް ސްޓޭޝަނަށް ދިން ހަމަލާ އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކްރެމްލިންއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށިފަހުން ޔޫކްރެއިންގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.
ރަޝިޔާއިން މި ހަމަލާ ދީފައިވަނީ، ޔޫކްރެއިންއިން ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކޮށެވެ.

