އެމްޑީޕީ ބަލިކޮށް، ކުރެންދޫ ކައުންސިލްގެ ރައީސްކަން ޕީޕީއެމް އިން ކާމިޔާބު ކޮށްފި
ބައި އެލެކްޝަނާ ދިމާކޮށް ކުރެންދުއަށް ފުލުފުލުގައި ސަރުކާރުގެ މަޝްރޫޢުތައް އޮއްސާލުމުންވެސް ކުރެންދޫން ސަރުކާރަށް ނޫނެކޭ ބުނެ މިއަދު ކުރިއަށްދިޔަ ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އިސްލާއިލް މާދިހު ހޮވައިފިއެވެ.
ވާދަވެރިކަންބޮޑުވި ކުރެންދޫ ކައުންސިލް ރައީސްގެ އިންތިޚާބު މަދީހު ކާމިޔާބުކުރީ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމް ބަލިކޮށްގެންނެވެ. މިއިންތިޚާބު މަދީހު ކާމިޔާބު ކުރީ 49 ވޯޓުގެ ތަފާތުންނެވެ.
މިއިންތިޚާބުގައި ކުރެންދޫގައި ބެހެއްޓުނު ދެފޮށީގެ ނަތީޖާއަށް ބަލާއިރު، މަދީހަށް ކުރެންދޫ އިން ލިބުނީ 380 ވޯޓެވެ. ނަސީމަށް ލިބުނީ 366 ވޯޓެވެ. މާލޭގެ ފޮށިން މަދީހަށް 235 ވޯޓު ލިބުނުއިރު، ނަސީމަށް ލިބުނީ 200 ވޯޓެވެ. މިއިންތިޚާބުގައި ނަސީމަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދަކީ 566 ވޯޓެވެ. މަދީހަށް ލިބިފައިވަނީ 615 ވޯޓެވެ.
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަމަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.
މިއިންތިޚާބުގެ ކެމްޕެއިނާއި ދިމާކޮށް، އެމްޑީޕީން ވަނީ ގިނަ މަޝްރޫޢުތަކެއް ކުއްލިއަކަށް ކުރެންދޫގައި ފަށާފައެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ ވަޒީރުންނާއި، ޤައުމީ މަޖިލިސް މެމްބަރުންނާއި، މަޖިލިސް މެމްބަރުންވެސް ކުރެންދޫގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިއި އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީންވެސް ވަނީ ކުރެންދޫއަށް ވަޑައިގެން އިދިކޮޅު ކެނޑިޑޭޓް މަދީހުގެ ކެމްޕެއިންގައި ބައިވެރިވަޑައިގެންފައެވެ.
ކުރެންދޫ ކައުންސިލަކީ އެމްޑީޕީގެ ކައުންސިލަކަށްވެފައި އެދާއިރާގެ މެމްބަރަކީވެސް އެމްޑީޕީ މެމްބަރަކު ތަމްސީލް ކުރަމުންދާ ދާއިރާއަކަށްވާއިރު، މިއަދުގެ ވޯޓުން ކައުންސިލް ރައީސްގެ ގޮޑި އިދިކޮޅަށް ދިއުމަކީ ކުރެންދޫއިން މިސަރުކާރަކަށް ނޫނެކޭ ބުނުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
