ހުކުމް އިއްވިއިރު އަޑުބަރޭ ފިލައިފި
ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ 15 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރިއިރު އޭނާ ވަނީ ފިލާފައެވެ.
މި ހުކުމާއި ގުޅިގެން އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ އެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދޭން މޯލްޑިވްސް ޕޮލިސް ސާވިސް ގައި އެ ސާވިސް އިން އެދިއްޖެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހްމަދު ނަސީމް ދެންމެ ވިދާޅުވީ އައްސަދު ހުރި ތަނެއް ނޭންގޭތީ އޭނާ ހޯދާ ކަރެކްޝަނާ ހަވާލުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އަޑުބަރޭ އަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ޣައިރު ހާޒިރުގައެވެ. އޭނާ މިވަގުތު ހުންނެވީ އެނގިފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައެވެ ބޭރުގައެވެ.
ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ. މި ހުކުމާ އެކު އަޑުބަރޭ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މިއަދު ވަނީ ވަކިކޮށްފައެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.
މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަޑުބަރޭ އަށް 15 ދުވަހުގެ ޖަލު ހުކުމެއް އަޔަސް ދައުލަތުން އެދުނީ އެއް އަހަރަށް ޖަލަށް ލުމަށެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
- ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
- ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
- ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ



