މިއަހަރު ތެރޭ މާލެ ވައިފައިކޮށް، ރޯދަމަސް އައުމުގެ ކުރިން މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރަނީ
މިއަހަރު ތެރޭ މުޅި މާލެގައި ހިލޭ ވައިފައި ޤާއިމްކުރުމުގެ ކުރުމުގެ މަސައްކަތް ނިއްމާލެވޭނެ ކަމަށާއި އަދި މާލޭގެ މިސްކިތްތަކުގައި ސިސީޓީވީ ހަރުކޮށް ރޯދަމަސް އައުމުގެ ކރިން ނިންމާލެވޭނެކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރ މިހެން ވިދާޅުވީ މީލާދީ އާ އަހަރާއި ގުޅިގެން މިއަދު ދެއްވާ ޚާއްސަ މެސެޖުގައެވެ.
އިތުރަށް ވިދާޅުވީ، ، މާލޭގެ މަގުތަކާއި އާއްމުން ސަރަހައްދުތައް ވައިފައި ކުރުމުގެ މަސައްކަތް ދިރާގު އަދި އުރީދޫއާއެކު ފެށިގެން ކުރިއަށްދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ޒަމާނީ ޑިޖިޓަލް ސިޓީއަކަށް މާލެ ހެދުމަށްޓަކައި، މި އަހަރު ތެރޭ މި މަސައްކަތް ނިއްމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މާލެ ވައިފައި ކުރުމާގުޅޭގޮތުން މުއިއްޒު މީގެ ކުރިން ވިދާޅުވީ، އުންމީދަކީ މުޅި މާލެ. މާލޭގެ މަގުތަކާއި، އާންމު މައިޒާންތަކާއި، ޕަބްލިކް ޕްލޭސެސްތައް ވައިފައި ކުރުން ކަމަށެވެ. އަދި ވިސްނުމަކީ ވަކި ލިމިޓަކާއި ހަމައަށް ފްރީ އެކްސެސް ވައިފައިން ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުންކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މުޅި މާލޭ ސިޓީ ވައިފައި ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، މޭޔަރު މިއަދު ވިދާޅުވީ މިއަހަރުގެ ރޯދަމަސް އައުމުގެ ކުރިން ސީސީޓީވީ ނިޒާމަކުން މާލެ ގުޅާލަ ދިނުމުގެ މަސައްކަތުގެ ތެރެއިން މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރެވި، މިސްކިތްތައް ރަނގަޅަށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މީގެ އިތުރުން މޭޔަރު މިއަދު ދެއްވި މެސެޖުގައި، މާލޭ ރައްޔިތުންނަށް ބޯ ހިޔާވަހިކަން އިތުރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލި އެވެ. އެގޮތުން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތަށް ގުޅީފަޅުގެ ޕްލޭން ބަދަލުކުރުމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަގުބޮޑުކޮށް ބިންވިއްކާނަމަ، އެއާއި އެކުގައި އެއަށްވުރެ އިސްކަން ދެއްވައިގެން މާލޭގެ ރައްޔިތުންނަށް އަތްފޯރާ ހިސާބުން ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މުއިއްޒު ގޮވާލެއްވި އެވެ.
މުއިއްޒު ވިދާޅުވީ، މިއަހަރަކީ ސިޓީ ކައުންސިލުގެ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުވެގެންދާނެ އަހަރަކަށް ވާނެ ކަމަށެވެ. ނަމަވެސް ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ގެނެވޭނީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.
“ސަރުކާރުގެ ސިޔާސަތު އެކަމުގައި އެއްހަމަ ކުރެވިއްޖެއާ އެއީ ޔަޤީނުންވެސް ހާސިލުވާނެ ކަމެއް” މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އެދޭގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.

