އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި
މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އައި ފަތުރުވެރިޔާ ފާހަގަކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އާ އަހަރު ރާއްޖެ އަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު ލިބުނީ އިނގިރޭސިވިލާތުގެ ޖޯޖީނަ ކެނިންއަށެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ގަލްފް އެއާލައިންގެ ފްލައިޓަކުންނެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި، އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޚާއްސަ ޙަރަކާތެއް ބާއްވައެވެ. މިއަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ޙަރަކާތްތަކެއް ބާއްވާފައެވެ.
އެއާޕޯޓުން، ޖޯޖީނާއަށް މަރުހަބާ ދެންނެވީ އެމްއެމްޕީއާރްސީންނާއި އެމްއޭސީއެލުންނާއި އިމްގްރޭޝަނުންނެވެ. މި ފަތުރުވެރިޔާ އަށް ބަނޑޮސް އައިލެންޑު ރިސޯޓުންނާއި ވާދޫ އައިލެންޑް ރިސޯޓުން ވަނީ ޖޯޖީނާއަށް ހިލޭ ޗުއްޓީއެއް ދީފައެވެ. އަދި މިދިޔަ އަހަރު ތައާރަފްކުރި ބޯޑާ މައިލްސްގެ “ސިލްވާ ޕެކޭޖެް” ގެ މެމްބަރުކަމުގެ ލިޔުން އިމިގްރޭޝަނުން ވަނީ އޭނާއަށް އަރުވައުފައެވެ. އާ އަހަރުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުން މިއަދު މެންދުރު 12 ޖެހުމާ ހަމަޔަށް ކުރިއަށްދާނެއެވެ.
ޖޯޖީނާގެ ފިރިމީހާ ސްޓީވް ބުނީ އެ 2 މީހުން އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ އަހަރުކަމަށެވެ. ދަތުރު ނިންމާލާފައި އެނބުރި ޤައުމަށް ދިޔައިރުވެސް ދެން ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމަށެވެ. އެމީހުންގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް ރާއްޖެ އައުމަށް ލަފާދޭކަމަށެވެ. ރާއްޖެއަކީ ރީތި ޤައުމެއްކަން ފާހަގަކޮށް އޭނާބުނީ ރާއްޖެއިން ލިބޭ މެހެމާންދާރީއަކީ ރާއްޖެ އިތުރަށް ފުރިހަމަވެގެންދާކަމެއްކަމަށެވެ.

