އިންޑިއާއާއި ނޭޕާލަށް ކުރިމަތިވި ބޯވާރޭގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަށަކައިގެން ދިއުމުގެ ހާދިސާތަކުގައި މަދުވެގެން 70 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާތަކުގައި އިންޑިއާއިން 56 މީހުން މަރުވެފައިވާއިރު، ނޭޕާލުން ވަނީ 14 މީހަކު މަރުވެފައެވެ. މީގެއިތުރުން ނޭޕާލުން 11 މީހަކު ގެއްލިގެން ހޯދަމުންދާއިރު، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ނެރެފައެވެ.
އިންޑިއާގެ އުއްތަރަ ޕްރަދޭޝް (ޔޫޕީ) ގެ ރިލީފް ކޮމިޝަނަރު ހުރިޝީކޭޝް ބާސްކަރު ޔާޝޯދް ހާމަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު 25 އިން 27 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް އެ ސްޓޭޓަށް 66.5 މިލީމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މިއީ އާންމުކޮށް އެ މުއްދަތުގައި ވެހޭ 7.6 މިލީމީޓަރުގެ ވާރޭއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ފެންބޮޑުވި ސަރަހައްދުތަކުގައި ރެސްކިއު އޮޕަރޭޝަންތައް ހިންގައި އެހީ ފޯރުކޮށްދެމުންދާއިރު، ދަނޑުވެރިކަމަށް ލިބުނު ގެއްލުންތައް ވަޒަންކޮށް މާލީ ބަދަލު ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޔޫޕީން މަރުވި މީހުންގެ އިތުރުން 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، 1،000 އަށްވުރެ ގިނަ ގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އިންޑިއާގެ ސެންޓްރަލް ވޯޓާ ކޮމިޝަނުން ބުނެފައިވަނީ، ހަތް ސްޓޭޓެއްގައިވާ ކޯރުތަކުގެ ހާލަތު ބަލާ 30 ރީޖަނަކުން "ނުރައްކާތެރި ހާލަތެއް" އިއުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގަންގާ، ގަންޑަކް، ކޮސީ، ބަގްމަތީ އަދި ނަރުމަދާ ފަދަ މުހިންމު ބޮޑެތި ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކަލުގެ އިންޒާރުގެ މިންގަނޑަށްވުރެ މައްޗަށް އުފުލިފައެވެ.
ނޭޕާލުގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ޑިސްޓްރިކްޓަކަށް ކުއްލިއަކަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ދީފައިވާއިރު، ބޮޑެތި ކޯރުތަކުގެ ފެންގަނޑު މައްޗަށް ދިއުމުގެ ސަބަބުން އެ ގައުމުގެ ދެބައިކުޅައެކަށްވުރެ ގިނަ ސަރަހައްދުތަކަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ. ނޭޝަނަލް ޑިޒާސްޓާ ރިސްކް ރެޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު ޝާންތީ މަހާތު ވިދާޅުވީ، ވޭތުވެދިޔަ މަހު 1،450 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެއްލުނު ފެންބޮޑުވުމުގެ ހާދިސާ ހިނގި ރަސުވާ އަދި ނުވާކޯޓް ސަރަހައްދުތަކުން ސަމާލުވެ ތިބެންޖެހޭ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުތަކަކީ މިވަގުތު އެންމެ ނުރައްކާ ބޮޑު ސަރަހައްދުތައް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ވިއްސާރައިގެ ސަބަބުން ނޭޕާލުގެ މަނަންގް، މުސްތަންގް، މިއަގްދީ އަދި ބަގްލުންގް ޑިސްޓްރިކްޓުން ކަރަންޓުގެ ޚިދުމަތް މުޅިން މެދުކެނޑިފައިވާއިރު، ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ނޭޕާލުގެ ވޯޓާ ރިސޯސަސް އެންޑް އެނާޖީ މިނިސްޓަރު ބިރާޖް ބަހަކްތާ ޝްރެސްތާ ވިދާޅުވި ގޮތުގައި، ރަހުގަންގާ ކޯރު ބަންޑުންވުމުގެ ސަބަބުން 40 މެގަވޯޓުގެ ހައިޑްރޯޕަވާ ޕްރޮޖެކްޓެއްގެ އޮޅަލިތަކަށާއި ޓްރާންސްމިޝަން ލައިން ޓަވަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެއިތުރުން، އޮޕްޓިކަލް ފައިބަރުތަކަށާއި ކަރަންޓު ނެޓްވޯކަށް ލިބުނު ގެއްލުންތަކާ ހުރެ ނޭޕާލުގެ ބައެއް ސަރަހައްދުތަކުން މުވާސަލާތީ ޚިދުމަތްތަކަށް ބުރޫއަރާފައިވާކަމަށް ކޮމިއުނިކޭޝަންސް މިނިސްޓަރު ބިކްރަމް ތިމިލްސިންހާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ނޭޕާލުގެ އުތުރު މަނަންގް ޑިސްޓްރިކްޓުގައިވާ 7،126 މީޓަރު (23،379 ފޫޓު) އުސް ހިމްލުންގް ހިމާލްގެ ބޭސް ކޭމްޕަށް ހިމަގަނޑު ކަށަކައިގެން ދިއުމުގެ ހާދިސާއެއްގައި، އެތަނުގައި މަސައްކަތްކުރަމުންދިޔަ އެ ގައުމުގެ 10 މުވައްޒަފަކު ވަނީ ގެއްލިފައެވެ. މި ހާދިސާ ހިނގިވަގުތު ބޭރުގެ ފަރުބަދައަށް އަރާ މީހުން އެ ސަރަހައްދުގައި ތިބެފައެއް ނުވެއެވެ. ގެއްލުނު މުވައްޒަފުންނަކީ ބޭރުގެ ފަރުބަދައަށް އަރާ މީހުންނަށް ފޭލިގެތައް ޖެހުމުގެ މަސައްކަތުގައި އުޅުނު މަސައްކަތްތެރިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...