ޓެގް އެޅުވި ގޮތް ގޯސްވެގެން އުމަރަށް ދައުވާކުރަނީ
ގާތް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީފަވާ ކަމަށް ތުހުމަތުކޮށް އުމަރު ނަސީރަށް ދައުވާކޮށްދިނުމަށް އޭސީސީން އެދިއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
އޭނާއަށް ދައުވާކޮށްދިނުމަށް އެދުނީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށްވާތީ އެވެ.
އޭސީސީން ބުނީ، މި މައްސަލާގައި އުމަރު ނަސީރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ކޮމިޝަނުން ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމުގައިވެސް އެސީސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ދައުވާ ކުރިކަން އުމަރަށް އެންގުމުން އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާ ހޯމް މިނިސްޓަރުގެ މަޤާމުގައި 2015 ވަނަ އަހަރު ހުންވައިގެން، ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާކަމަށް ބުނެ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަން ނިންމަވާފައިވާކަން މިއަދު އަންގާފައިވާކަމަށެވެ.
އުމަރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ވަކި ފައިސަލާއެއް ކުރެއްވުމަށް 90 ދުވަހުގެ މުއްދަތަށް ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަޑާލައިފައިވާކަމަށެވެ.

