ޚަބަރު އޮމިކްރޯން ޕޮޒިޓިވް ކޭހެއް ރާއްޖެއިންވެސް ފެނިއްޖެ

އޮމިކްރޯން ޕޮޒިޓިވް ކޭހެއް ރާއްޖެއިންވެސް ފެނިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިންވެސް ކޯވިޑްގެ އާވޭރިއަންޓް (އޮމިކްރޯން) އަށް ޕޮޒިޓިވް ކޭހެއް ފެނިއްޖެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓުގައި ވިދާޅުވީ ރާއްޖެ އިން އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވަނީ ފަތުރުވެރިއެއް ކަމަށެވެ. އޭނާ އޮމިކްރޯންއަށް ޕޮޒިޓިވްވިކަން އެނގުނީ ކޯވިޑަށް ޕޮޒިޓިވްވި ސާމްޕަލްގެ ޖެނޯމިކް ސީކުއެންސިން ހަދައިގެން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް، އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ސައުތު އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް ‘އޮމިކްރޯން’ ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ޤައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފައެވެ. ކޯވިޑްގެ އައު ވައްތަރެއް ދެކުނު އެފްރިކާއިން ފެނި މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓް “އޮމިކްރޯން” އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފްރިކާ ސަރަހައްދުގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވަނީ މަނާކޮށްފައެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖެ އައުމުގެ 14 ދުވަސްކުރިން މި ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި އެއިން ޤައުމެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ މީހުންނަށް މިވަގުތު ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކުރި ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވެ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މި މީހުން ކަރަންޓީނު ދޫކޮށްލާނީ 14 ދުވަސް ފުރިހަމަކޮށް އަލުން ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޓެގް

އޮމިކްރޯން ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.