ކުޅިވަރު

ވަޓްފޯޑްގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެންމެ އުހަށް ސިޓީޖެހިލައިފި

އިގިރޭސި ޕްރިމިއާ ލީގުގައި ރޭ، ރަށުންބޭރުގައި ވަޓްފޯޑްގެ މައްޗަށް 3-1 އިން ކުރިހޯދައި މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. އިއްޔެ ކުޅެވުނު މެޗުން ވެސްޓް ހޭމް އަތުން ޗެލްސީ 3-2 ން ބަލިވެފައި ވާތީ މެޗު ފެށި އިރުވެސް ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

ތާވަލުގެ ދެވަނައިގައި 34 ޕޮއިންޓާއި އެކު ލިވަޕޫލް އޮތްއިރު 3 ވަނައިގައި އޮތީ ޗެލްސީއެވެ. ޗެލްސީއަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. 4 ވަނައިގައި އޮތީ 27 ޕޮއިންޓާއި އެކު ވެސްޓް ހަމް އެވެ. އަދި ތާވަލުގެ 5 ވަނައިގައި އާސަނަލް އޮތްއިރު އެޓީމަށް މިހާތަނަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އިގިރޭސި ޒުވާން މިޑްފީލްޑަރ ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީ އަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފުގައި ވަޓްފޯޑްގެ ގޯލަށް އަމާޒުކޮށް މެންޗެސްޓަރ ސިޓީން 13 ހަމަލާއެއް ފޮނުވާލިއިރު، އެޓީމުގެ ދެވަނަ ގޯލް ފުރަތަމަ ހާފުގެ 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރ ބެނާޑޯ ސިލްވާ އެވެ.

ދެ ވަނަ ހާފުގައި ވެސް މެންޗެސްޓަރ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ ތިންވަނަ ގޯލް ދެ ވަނަ ހާފުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވެސް މި މެޗުގައި މޮޅު ކުޅުމެއްދެއްކި ބެނާޑޯ ސިލްވާ އެވެ.

މެންޗެސްޓަރ ސިޓީން ތިން ގޯލްގެ ލީޑެއްގައި ވަނިކޮށް، ވަޓްފޯޑްގެ ކޮލަމްބިޔާ ފޮވާޑް ކޫކޯ ވަނީ މެޗުގެ 74 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު އެންމެ ފަހުން ލީގުގައި ކުޅުނު 06 މެޗުން މޮޅުވި މެންޗެސްޓަރ ސިޓީ ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް ލިވަޕޫލަށް 15 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އިއްޔެ ވެސްޓް ހޭމް އަތުން ބަލިވި ޗެލްސީ ތިން ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ވެސްޓް ހޭމްއަށް 15 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close