ޚަބަރު

ސްރީލަންކަންގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި


ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި ގަމާއި ދެމެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފަ އޮތުމަށްފަހު އެ އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް އަލުން ފަށައިފިއެވެ.

ސްރީލަންކަންއިން އައްޑޫއަށް ސީދާ ދަތުރުތައް މިއަދު ފަށާނެކަން މިދިޔަމަހު އެ ކުންފުނިން ހާމަކޮށްފައިވާއިރު، މިފަހަރު ކޮލަންބޯ-ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދޫއަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަންއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި ގަމާއި ދެމެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ އެކުގައެވެ.

އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެފައިވަނީ ސްރީލަންކަންގެ ދަތުރުތައް ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ފްލައިޓް ދަތުރުތައް އޭރު ނުފެށިފައިވަނީ ދިމާވި ބައެއް ކަހަލަ މައްސަލަތަކާއި ގުޅިގެންނެވެ.

ސްރީލަންކަން އެއަރލައިންސް އިން ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވެއެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރި ނަމަވެސް މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރު ބާއްވާ ގޮތަށެވެ. ސްރީލަންކަންއިން އައްޑޫއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭރު އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close