އޮސްޓްރޭލިޔާގައިވެސް އާ ވޭރިއަންޓް އޮމިކްރޯން ފެތުރެނީ
އޮސްޓްރޭލިއާއިން ފެނުނު ކޭސްތަކާއެކު ކޮވިޑް ވޭރިއަންޓް އޮމިކްރޯންދަނީ ފެތުރެމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ކޮރޯނާވައިރަސް ވޭރިއަންޓްގެ ދެ ކޭސް އޮސްޓްރޭލިއާއިންވެސް ފެނިއްޖެއެވެ.
އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ ނިއު ސައުތު ވޭލްސްގެ ސިއްހީ އޮފިޝަލުން ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު ދެކުނު އެފްރިކާއިން ސިޑްނީއަށް އައި ދެ ފަސިންޖަރަކު ކޮރޯނާވައިރަސްގެ އޮމައިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެންއެސްޑަބްލިއު ހެލްތުން ބުނީ އެ ދެ މީހުންނަކީ ވެސް ފުރިހަމައަށް ވެކްސިން ލިބިފައިވާ އަދި ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށެވެ.
ދެކުނު އެފްރިކާއިންއައި އިތުރު 12 ފަސިންޖަރުންވެސް ހޮޓެލް ކަރަންޓީންގައި 14 ދުވަސް ހޭދަކޮށްފައިވާއިރު، އިތުރު 260 އެއްހާ ފަސިންޖަރުންނާއި އެއަރކްރޫއިން ވަނީ އައިސޮލޭޓް ވުމަށް އަންގާފައެވެ.
އޮސްޓްރޭލިއާގެ ކޭސްތަކަކީ މި ވޭރިއަންޓް ފެތުރުނަ ނުދީ ހިފަހައްޓަން އުނދަގޫވެދާނެ ކަމުގެ އެންމެ އިޝާރާތެއެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު މި ބަލި ފެނިފައިވަނީ އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ބެލްޖިއަމް، ބޮޓްސްވާނާ، އިޒްރޭލް އަދި ހޮންގްކޮންގްއިންނެވެ. އޮސްޓްރިއާއިން އާދީއްތަ ދުވަހު ދިޔައީ ޝައްކު ކުރެވޭ ކޭސްއެއް ތަހުލީލު ކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ ހަފުތާގައި “ކަންބޮޑުވާ ވޭރިއަންޓެއް” ގެ ނަމުން ނަންދީފައިވާ އޮމައިކްރޯން ފެނުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ދިގުދެމިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައެވެ.
އޮމައިކްރޯން އަކީ ކުރީގެ ވޭރިއަންޓްތަކަށް ވުރެ ގައިން ގަޔަށް އަރާ ވައިރަހަކަށް ވުމުގެ ފުރުސަތު ބޮޑެ ވައްތަރެކެވެ. ނަމަވެސް ތަޖުރިބާކާރުންނަށް އަދިވެސް އޭގެ މާބޮޑު މައުލޫމާތެއް ނޭނގެއެވެ. އެހެން ވޭރިއަންޓްތަކާ އަޅާބަލާއިރު އޮމިކްރޯންގެ ސަބަބުން ކޮވިޑް ބަލީގައި ބޮޑުވަރުވެދާނެ އެވެ.
ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކޮށް ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޤައުމުތަކުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

