ނޫސްވެރިންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ޗައިނާއާއި އެމެރިކާއިން އެއްބަސްވެއްޖެ – ޗައިނާ ޑެއިލީ
ބެއިޖިން (ނޮވެމްބަރު 16) – ޗައިނާ އާއި އެމެރިކާ އިން އެއް ގައުމުން އަނެއް ގައުމަށް ނޫސްވެރިންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް ޗައިނާ ޑެއިލީ ނޫހުން ބުނެފި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ދެމެދު އަންގާރަ ދުވަހު ބޭއްވި ވާޗުއަލް ސަމިޓްގެ ކުރިން، ނޫސްވެރިންގެ ވިސާއާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
ޓެކް އާއި ވިޔަފާރިން ފެށިގެން އިންސާނީ ހައްގުތަކާއި ކޮރޯނާވައިރަހާ ހަމައަށް ދުނިޔޭގެ އެންމެ ވަރުގަދަ ދެ އިގުތިސޯދުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން މީޑިއާގެ ދާއިރާއަށް މިދިޔަ އަހަރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ޗައިނާގެ ނޫސްވެރިންނާ ދެކޮޅަށް އެމެރިކާ އިން “ސިޔާސީ ހަރުކަށި ފިޔަވަޅުތަކެއް” އަޅާފައިވާ ކަމަށް ބެއިޖިން އިން ތުހުމަތު ކުރީ، ޗައިނާގެ ދައުލަތުގެ ބޮޑެތި މީޑިއާތަކުގެ އެމެރިކާގެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ޗައިނާގެ ރައްޔިތުންނަށް ދީފައިވާ މިންވަރު މަދުކޮށް، އެ މީހުންނަށް ދީފައިވާ ހުއްދަ 90 ދުވަހަށް ލިމިޓް ކުރުމާ ގުޅިގެންނެވެ.
ޓިޓް -ފޯ -ޓާޓް ރޯގައި ޗައިނާއިންވެސް ވަނީ އެމެރިކާގެ ނޫސްވެރިން ބޭރުކޮށް، އެމެރިކާގެ ބައެއް މީޑިއާ ކުންފުނިތަކަށް ވިސާގެ އާ ފިޔަވަޅުތަކެއް ތައާރަފުކޮށްފަ އެވެ.
ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ގޮތުގައި، ޗައިނާގެ ނޫސްވެރިންނަށް އެއް އަހަރު ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާ އެމެރިކާއިން ދޫކުރާނެ ކަމަށާ، އެމެރިކާގެ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމާއެކު، އެމެރިކާގެ ނޫސްވެރިންނަށް ހަމަހަމަ އުސޫލަކުން އަމަލުކުރުމުގެ ފުރުސަތު ދިނުމަށް ޗައިނާގެ ފަރާތުން އަހައްމިއްޔަތުކަން ދީފައިވާ ކަމަށް ޗައިނާ ޑެއިލީއިން ބުނެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދެ ގައުމުން ވެސް ނޫސްވެރިންނަށް ވިސާ ދޫކުރާނީ އަމަލު ކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި ނޫސްވެރިންނަށް މިނިވަންކަމާ އެކު ދަތުރުކުރުމާއި އެނބުރި އާދެވޭނީ ކޮވިޑް-19 ގެ ޕްރޮޓޮކޯލްތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވާ ކަމަށްވެސް ޗައިނާ ޑެއިލީއިން ވަނީ ބުނެފައެވެ.
ތިން ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކުރެއްވި ވީޑިއޯ ކޯލްގައި ބައިޑަން ޝީއަށް އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ޕްރެޝަރު ކުރެއްވި އިރު، ޗައިނާގެ ރައީސް ވަނީ ޓައިވާންގައި އެމެރިކާއިން ހިންގާ ވަސްވާސްތަކަށް ބެއިޖިން އިން އިޖާބަ ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

