އަޝްހަދުގެ ހުތުރު ޢަމަލު ދިވެހިންނަކަށް ހަޖަމެއްނުވި!
ފޯނޭޝަންސް ކަޕް މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިއަދު ސީޝަލްސް އާއި ރާއްޖެ ބައްދަލުކުރި މެޗްގައި ރާއްޖޭގެ ޤައުމީ ޓީމްގެ ކުޅުންތެރިޔާ މިޑްފީލްޑަރ އަޝްހަދު ޢަލީ (އަޑުބަރޭ) އިދިކޮޅު ސީޝަލްސްގެ ކުޅުންތެރިއަކަށް ދިން ނުރައްކާތެރި ހަޑިހުތުރު ޢަމަލު ދިވެހިންނަކަށް ބަލައެއް ނުގަނެވުނެވުނެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމްގައި ހުންނެވި އަޝްހަދު އަލީ އަށް ވަނީ އޭނާހިންގި ގޯސް ޢަމަލުގެ ސަބަބުން ރަތްކާޑެއްވެސް ދައްކާފައެވެ. އޭނާވަނީ އިދިކޮޅު ކުޅުންތެރިއެއްގެ މޫނުމަތީގައި އުޅަބޮށިން ޖަހައި ކުޅުންތެރިޔާ ވައްޓާލައިފައެވެ. އޭނާ އެ ހަމަލާދިނީ ކުޅުމުން ބޭރުންނެވެ. އޭރު ބޯޅަވެސް އޮތީ މާދުރުގައެވެ.
ކުޅުމުން ބޭރުގައި ދިން މި ހަމަލާއަކީ ފުޓުބޯޅައިގެ ގަވާއިދު ބުނާގޮތުން ހަރުކަށި އަދަބު ކަޑައެޅިފައިވާ އަދަބެކެވެ. މިފަދަ އަނިޔާވެރި އަމަލު ހިންގާ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ބަންދުކުރެއެވެ. ނަމަވެސް އަޑުބަރޭއާއިމެދު އަމަލު ކުރާނެ ގޮތެއް އަދި ނޭގެއެވެ. މިމުބާރާތަކީ ފީފާ ރޭންކު ކުރާ މުބާރާތަކަށްވާއިރު، މުބާރާތުގައި ރާއްޖެއަށް ލިބުނު ދަށް ނަތީޖާއާއިއެކު ދުނިޔޭގެ ރޭކިންގައި ރާއްޖެ އަނެއްކާވެސް ދަށަށް ދިއުމަކީ ގާތް ކަމެކެވެ.
މިއީ ސަރަހައްދީ ފެންވަރުގެ މިވަރުގެ މުބާރެއްގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ. ސާފް ޗެންޕިއަންޝިޕުން ޤައުމީ ޓީމަށް ލިބުނު ނާކާމިޔާބީއާއިއެކު، ލަންކާ މުބާރާތުގެ ތަށި ހޯދުމަށް ދިޔަ ޓީމު މުބާރާތުން ކަޓާފައިވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެއެވެ. މިއަދު ހަވީރު ސީޝެލްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަތުގައި ކުޅެން ނިކުތް އަޑުބަރޭ ވަނީ ކުޅެން އެރުވުތާ މިނިޓެއްވެސް ނުވަނީ ސީޝެލްސެ ކެޕްޓަނަށް އުޅަބޮށިން ގަސްތުގައި ހަމަލާދީފައެވެ.
އަޑުބަރޭއަށް ދެއްކި ރަތްކާޑާއިއެކު މުޅި ސޯޝަލް މީޑިއާގައި ވަނީ އޭނާއަށް ނުރުހުން އަމާޒުވެފައެވެ. ޚާއްސަކޮށް މެޗުގެ އެންމެ މުހިންމު ވަގުތު އެންމެ ރަނގަޅު ފުރުސަތު ތަނަވެސް އޮތްވަގުތު އަޑުބަރޭގެ މިއަމަލަކީ ހިންގި ވަރަށް ހުތުރު ލަދުވެތި އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ އިސް މަޤާމެއްގައި ހުރެ ދަނޑުމަތީގައި ދެއްކި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަޚުލާގީ މިންގަނޑުން ބޭރު އަމަލެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރާއްޖޭގެ ޤައުމީ ޓީމަކީ މިސަރަހައްދުގައި އިންޑިއާ ފިޔަވައި ދެން ހުރި ޤައުމުތަކުގެ މައްޗަށް ބޮޑު ކާމިޔާބުތަކެއް ހޯދަމުން ދިޔަ ޓީމެއް ނަމަވެސް، ރާއްޖެއަށް މިސަރަހައްދުގެ އެންމެ ދަށް ޓީމުތަކާއި ކުޅެގެންވެސް މޮޅެއް ނުހޯދޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.