ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑު އެހުމެއް މި މަހު 18 އަށް ތާވަލު ކޮށްފި

މަނީލޯންޑަރިންގެ މައްސަލައެއްގައި މިހާރުވެސް 5 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑު އެހުމެއް މި މަހު 18 ގައި ބާއްވަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.

މިއީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމަކާ ގުޅިގެން، އެމަނިކުުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ބައެއް ކަންކަން ސާފުކުރުމަށްޓަކައި ބާއްވާ އަޑު އެހުމެކެވެ.

ރައީސް ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ނެވެ. މި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިދިޔަ ސެޕްޓެމްބަރުގެ 12 ގައި ފަށައިގެން، 30 ގަޑިއިރުގެ އަޑުއެހުންތަކަކަށް ފަހު ނިންމާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ އަޑުއެހުންތައް ނިންމަވާލައްވަމުން އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ މައްސަލާގައި ހުކުމްކުރުން ކަމަށެވެ. އަދި އެ މައްސަލާގައި އަދިވެސް ގިނަ ލިޔުންތައް ދިރާސާކުރަން ޖެހިފައިވާތީ ގޮތެއް ނިންމަން ގިނަ ވަގުތު ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު ރިސެސަށް ދާނެތީ، ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ކުރިން އިޢުލާންކޮށްފައިވަނީ ޑިސެމްބަރުގެ ކުރިން މައްސަލާގައި ހުކުމް އިއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި ކްރިމިނަލް ކޯޓުން ވަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފަ އެވެ.

މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގަ އެވެ.

މި މައްސަލައިގެ އިތުރުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް މި ދައުވާތަކަށް ޔާމީން އިންކާރު ކުރައްވަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close