ޚަބަރު

ގެނބިގެން ނިޔާވީ ދެމަފަރިންގެ ހުރި ހަމައެކަނި ދަރިފުޅު

ކ.ގުރައިދޫގައި މޫދަށްވެއްޓި ނިޔާވެފައިވާ އުމުރުން ދެ އަހަރު ނުފުރޭ ޝައްމާ އިބްރާހީމްއަކީ އެ ތުއްތު ދަރިފުޅުގެ މަންމައާއި ބައްޕަގެ ( އެދެމަފިރިންގެ ) ހުރި ހަމައެކަނި ދަރިފުޅެވެ.

ތުއްތު ދަރިފުޅަށް ކާންދޭން މަންމަ އިނީ ގޮނޑުދޮށުގައެވެ. ޝައްމައަށް ކާންދީ ނިމުމާއެކު މަންމަ ދިޔައީ ތަށި ދޮންނާށެވެ. ތަށި ދޮވެފައި މާލަސްތަކެއް ނުވެ އަވަސްއަވަހަށް ދަރިފުޅު ހުރިހިސާބަށް އައިއިރު ފެންނާންނެތުމުން މަންމަ ކުޑަކޮށް ހާސްވިއެވެ. ނަމަވެސއް އެފަދަ ހިތާމަވެރި ގޮތަކަށް އެދަރިފުޅު ވަކިވެގެންދާނެއެކޭ ހީވެސް ނުކުރެއެވެ. ލަސްނުކޮށް ދަރިފުޅު ފެނޭތޯ މަންމަ އުޅެގަތެވެ. އެގެއަކީ މޫދުކައިރީގައި ހުރި ގެއެއްކަމުން ގޮނޑުދޮށާއި، މޫދުކައިރި ބަލަމުން ދިޔައެވެ.

އެއްވެސް ހިސާބަކުން އެދަރިފުޅުގެ ލިސާނެއް ނުފެނުމުން މަންމަ ހާސްވިއެވެ. އަވަށްޓެރިންގެ އެހީއާއި އެކު އިތުރަށް ހޯދުމުގެ މަސައްކަތް ފެށިއެވެ. އެއްވެސް ތާކުން ނުފެނުމުން ރަށުގެ ކައުންސިލަށް އެ މަޢުލޫމާތު ދީ ދަރިފުޅު ހޯދުމުގެ މަސައްކަތް އިތުރަށްފުޅާކުރިއެވެ. ނަމަވެސް އެތައްބައެއްގެ މަސައްކަތުންވެސް ފެނުނީ ދަރިފުޅުގެ ފުރާނަނެތް ހަށިގަނޑެވެ.

ދަރިފުޅު މޫދަށް ގެނބި މަރުވެފައި އޮއްވާ ފެނުނީ ޖެޓްސްކީ އެއްގައި ހޯދަން ނުކުތް ދެމީހުންނަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ޔާމީން ވިދާޅުވީ، އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ ތުއްތު ކުއްޖާ އޮތީ ނިޔާވެފައި ކަމަށެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ މެންދުރު 13:30 ހާއިރުއެވެ.

ގުރައިދޫން ވާހަކަ ދެއްކި މީހުން ބުނީ ޝައްމަ ގެނބިފައިވާ ސަރަހައްދަކީ ފުންސަރަޙައްދެއް ނޫންކަމަށެވެ. ދިޔަ ހިކޭ ދުވަސްވަރަށް އެއްކޮށް ހިކޭ ސަރަހައްދެއްކަމަށެވެ. ދިޔަބޮޑުއިރަށްވެސް ފުންމިނުގައި ހުންނާނީ ގާތްގަނޑަކަށް 3 ފޫޓުވަރު ކަމަށް އެމީހުން މައުލޫމާތު ދިނެވެ.

ގެނބިގެން ނިޔާވެފައިވަނީ އެއް އަހަރާއި 10 މަހުގެ ޝައްމަގެ މައިންބަފައިންނަކީ އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފައިވާ ދެމީހުންނެވެ. އެ ދެ މީހުންނަށް ވެސް ކުރިން ކޮށްފައިވާ ކައިވެންޏަށް ދަރިން ލިބިފައިވީނަމަވެސް ނިޔާވި ދަރިފުޅަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

އަންހެން މީހާއަށް ކުރިން ކޮށްފައިވާ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވާއިރު، ފިރިހެން މީހާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close