ޚަބަރު

ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް، ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ޚިލާފު – ވަކީލުން

ސިވިލް ސަރވިސްގެ މުވައްޒަފުން، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބައެއް ގަނޫނީ ވަކީލުން ވިދާޅުވަމުން އެބަގެންދެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ވާއިރު އެ ޙައްޤު ހަނިކުރެވޭނީ ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސްގެންނެވެ. އެހެންކަމުން އެއްވެސް އިދާރާއެއްގެ ގަވާއިދެއް މެދުވެރިކޮށް އެ ކަން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާއަށް އެއްވެސް އިސްލާޙެއް ނުގެނެސް އޮއްވައި ، ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގެ ބޭރުން ވެސް އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ އޭނާއަށް އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އޮންނަނީ ހަމައެކަނި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ސިޔާސީ ކަމެއްގައި ބައިވެރިވުން މަނާ ކޮށްފައެވެ.

“ގާނޫނު އަސާސީގެ 16 ވަނަ މާއްދާ، ހައްގުތައް ކަށަވަރު ކުރުމުގެ މާއްދާ، އޭގައި އޮންނާނެ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގެއް ހަނިކުރެވޭނެ ގޮތް، އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް، އެ ނޫން ގޮތަކަށް އެއްވެސް ހައްގެއް ހަނި ނުކުރެވޭނެ ކަމަށް، އެހެންވީމަ އިދާރާއެއްގެ ގަވާއިދަކަށް ގެންނަ އިސްލާހަކުން ގާނޫނު އަސާސީގައި ބަޔާން ކުރާ ހައްގެއް އުނި ނުކުރެވޭނެ،” ގާނޫނީ ވަކީލަކު ވިދާޅުވި ކަމަށް އޮންލައިން ނޫސް ވަގުތު ގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ އެ މާއްދާގައި އިތުރަށް ބަޔާން ކޮށްފައިވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެ ހައްގު ހަނިކުރެވޭނީ ނުވަތަ އޭގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި މިފަދަ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ކުރެވޭ މިންގަނޑަށެވެ. މަޖިލީހުން ވެސް ބޭނުންވާހާ ވަރަކަށް އެ މިންވަރެއް ނުހިފެހެއްޓޭނެ ކަމަށް އޭގައިވެއެވެ.

އެހެންނަމަވެސް މިއަދު މިފެންނަނީ ޤާނޫނު އަސާސީން ލިބިދޭ އެންމެ އަސާސީ އެއް ހައްޤު ކަމުގައިވާ ބަސްބުމުގެ ހައްޤުވެސް އެއްވެސް މިންވަރެއް ނެތި ހިފަހައްޓައި ދުލުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރުމަށް މަސައްކަތް ކުރެވިގެންދާ ތަނެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް އެސަރުކާރުތަކުން ބޭނުންވާ ސިޔާސީ މަޤްޞަދެއް ފުއްދުމަށް ބައެއް ޤާނޫނުތަކަށާއި، ޤަވާއިދުތަކަށް ކުއްލި ބަދަލުތައް ގެނެސްފައިވާކަން މިފުރުޞަތުގައި ހަނދާނަށް އާދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close