ޚަބަރު

ރިސޯޓަކުން މޫދަށް ކުނި އަޅާ މައްސަލަ ބަލަނީ

ރ.އަތޮޅުގައި ހިންގަމުން އަންނަ އެމެރަލްޑް މޯލްޑިވްސްއިން މޫދަށް ކުނި އެޅި މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އީޕީއޭއިން މިހެން ވިދާޅުވެފައިމިވަނީ އެމެރަލްޑް މޯލްޑިވްސްއިން ސިލްސިލާކޮށް މޫދަށް ކުނި އަޅަމުން އަންނަކަމުގެ ކަންބޮޑުވުން އެރިސޯޓުގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފަކު ފާޅުކޮށްފައިވަނިކޮށެވެ. އަދި މޫދަށް ކުނި އަޅަމުންދާތީ އެކަން ނުކުރުމަށް ރިސޯޓުގެ މެނޭޖްމަންޓުގައި އެތައް ފަހަރެއްގެ މަތިން އެދުމުންވެސް އެދެވޭ ޙައްލެއް ނުލިބޭކަމަށްބުނެ ޑައިވް މާސްޓަރެއްގެ ގޮތުގައި ރިސޯޓުގައި މަސައްކަތްކުރި މީހާވަނީ މޫދަށް އަޅާފައިވާ ކުނި ނެގުމަށްފަހު ރިސޯޓުގެ ރިސެޕްޝަނަށްލާފައެވެ.

މިކަމާ ގުޅިގނެ މިމުވައްޒަފު މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި އޭނާވަނީ ހާމަކޮށްފައެވެ. މިމައްސަލައިގައި ގިނަބަޔަކު އެމީހާއަށް ތަޢުރީފުކޮށްފައިވާއިރު ރިސޯޓަށާއި މައްސަލަ ބަލަންތިބި އިދާރާތަކަށް ގިނަ ބައެއްގެ ނުރުހުންވަނީ އަމާޒުވެފައެވެ.

އީޕީއޭއިން މިމައްސަލަ އިދާރާތަކުން ބަލަމުން އަންނަކަމަށް ބުނެފައިވާއިރު ރާއްޖޭގެ ކުނި މެނޭޖްކުރުމާ ގުޅޭ ގަވާއިދުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ކުނި މެނޭޖްކުރުމުގެ ކަންކަން މޮނީޓަރކޮށް ބަލަމުންދާނެ ކަމަށް ކަނޑައަޅާ އެކަމުގެ މަސްއޫލުވެރި ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމެވެ. ރާއްޖޭގައި އެކުލަވާލާފައިވާ ކުނި މެނޭޖްކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުން މޫދަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި މިޤާނޫނާ ޚިލާފުވުމާ ގުޅިގެން ބައެއް ޢާއްމުންނާއި އިދާރާތައްވަނީ މީގެ ކުރިން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close