ތާލިބާނުންގެ އެންމެ މަތީ ލީޑަރު، ޢާއްމުންގެ ތެރެއަށް ނިކުމެ އުޅޭ މަންޒަރެއް ޢާއްމުކޮށްފި
ކާބުލް (ރޮއިޓާސް) – ތާލިބާނުންގެ އެންމެ މަތީ ލީޑަރު ހައިބަތުالله އަޚުންދްޒާދާ، ދެކުނުގެ ސިޓީއެއް ކަމަށްވާ ކަންދަހާރުގައި އާންމުންގެ ތެރެއަށް ނުކުމެ އުޅެނިކޮށް ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެއް އާންމުކޮށްފި އެވެ.
ވަފާތެރިޔާ ނުވަތަ އާމިރުލް މޫމިނީންގެ ލީޑަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މި މީހާ، ތާލިބާނުން އޯގަސްޓް މަހު އަފްޣާން ހިފުމަށް ފަހު ވެސް އާންމުންގެ ތެރޭގައި އުޅެނިކޮށް ފެނިފައެއް ނުވެއެވެ.
އަޚުންދުޒާދާއާއި ވަރަށް ގާތްކޮށް އުޅޭ ތާލިބާން ޖަމާއަތުގެ އިސް ލީޑަރަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަންދަހާރުގެ ދީނީ ސްކޫލެއް ކަމަށްވާ ޖާމިއާ ދާރުލް އަލޫމް ހަކީމިއާއަށް އަޚުންދު ޒާދާ ވަނީ ޒިޔާރަތްކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގެ ސިޔާސީ، ދީނީ އަދި އަސްކަރީ ކަންކަމާ ގުޅޭ އެންމެ ވަރުގަދަ ލީޑަރު، އަދި އެ ޖަމާއަތުގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި އަޚުންދްޒާދާ ވަނީ އެ ޖަމާއަތުގެ އިންތިގާލީ ސަރުކާރު މިދިޔަ ސެޕްޓެމްބަރު މަހު އިފްތިތާހު ކޮށްދެއްވާފައެވެ.
ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި އަޚުންދްޒާދާ މީގެ ކުރިން ވެސް އާންމު ތަންތަނުގައި އުޅުއްވި ނަމަވެސް، އެމަންޒަރުތައް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮއިޓާސް އަށް އޭނާގެ ސައްހަކަން ކަށަވަރު ކުރުމަށް ލިބިފައިވާ ހަމައެކަނި ފޮޓޯއަކީ 2016 ވަނަ އަހަރުގެ މެއި މަހު ތާލިބާނުންގެ ޓްވިޓާ ފީޑެއްގައި ޕޯސްޓްކުރި ފޮޓޯއެކެވެ.
މީގެ ކުރިން ތާލިބާނުން ވަނީ އެ ޖަމާއަތުގެ ފައުންޑަރު އަދި އޮރިޖިނަލް ސުޕްރީމް ލީޑަރު މުއްލާ އުމަރު މަރުވިކަން ކަށަވަރުކޮށްދީފައެވެ. އޭނަގެ ފަހުން ތާލިބާނުންގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ބަލަނީ ހައިބަތުالله އަޚުންދްޒާދާ އެވެ.


