މިއުޒިކް ޝޯ ބާއްވާނެ ކަމަށް ވިދާޅުވުމުން މަހުލޫފަށް ފާޑުކިޔުން އަމާޒުވެއްޖެ
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން – އިންޑިއާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު އަލިމަސް ކާނިވަލްގައި މިއުޒިކް ޝޯ ބާއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާގެ މެޗުގެ ފޯރި ނަގަން، ގިނަ ބަޔަކު ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީއާއި އުރީދޫ އަދި އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުން އަދި މިއުޒިކް ޝޯ ގެންދަން ރާވާފައިވާ ކަމަށެވެ. އަދި މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ އޮންނާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އާންމުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނައިރު މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަށް ކުރާ ކަމެއް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ. މިވަގުތު މިއުޒިކް ޝޯ ބޭއްވުމަކީ އެހާ މުހިއްމު ކަމެއްތޯ ވެސް އަނެއް ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.
އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ހަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންތައް ކޮށްގެން ނުވާނެ ކަމަށް ވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ. ޑރ. އިޔާޒުގެ ވާހަކަތަކަށް ވެސް ގިނަ ބަޔަކު ވަނީ ތާއީދު ކޮށްފައެވެ.
މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. އިންޑިއާއި ރާއްޖެ މެޗުގެ ޓިކެޓް ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައި ވާއިރު، ދިވެހީންނަށް ހާއްސަކޮށް ވިއްކާފައި ވަނީ 3000 ޓިކެޓެވެ. ރާއްޖެއިން ކުޅުނު ތިން މެޗުން 6 ޕޮއިންޓް ލިބުނުއިރު، އިންޑިއާ ކުޅުނު ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ.

