މިސަރުކާރުގެ ލާދީނީ ކަންކަން ހައްދުފަހަނައަޅާ ގޮއްސި – އަލީ ރަމީޒް
މިސަރުކާރުގެ ލާދީނީ ކަންކަން ހައްދުފަހަނައަޅާ ގޮއްސި ކަމަށާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިސްތިއުފާ ދެއްވުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު ގޮވާލައްވައިފިއެވެ.
އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިނަށް ދައުވަތު ފެތުރުމުގައި ސަލަފު ޖަމިއްޔާގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒު ވިދާޅުވީ، މާތް ﷲ ވޮޑިގެންވާ ކަމާއި މެދު ޝައްކު އުފައްދައި ސުކޫލު ތަކުގެ ދަރިވަރުން އިސްލާމްދީނާ ދުރުކުރަން އެތަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ޖަރީމާ ހިންގާ މީހުންނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދީ!” އަލީ ރަމީޒު ވިދާޅުވިއެވެ.
އަލީ ރަމީޒު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ “ލާދީނީ” ކަން ހައްދު ފަހަނަ އަޅާގޮސްފައިވާ ކަމަށެވެ.
“ކުރިން ހީކުރި ވަރަށްވުރެ މި މީހުން މާ ނުބައި.” އަލީ ރަމީޒު ވިދާޅުވިއެވެ.
އަލީ ރަމީޒު މިއަދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވާއިރު، ބޭރު ގައުމެއްގެ ފަންޑު ހޯދައިގެން ސްކޫލް ތަކުގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވަން ކަމަށްބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގައި ބޭނުންކުރާ ސްލައިޑް ތަކެއް ކަމަށްބުނެ މީސްމީޑިއާގައި ވަނީ ކަލަކު ވޮޑިގެންވާ ކަމާމެދު ސުވާލު އުފައްދާފައިވާ ސްލައިޑް ތަކެއް ލީކްކޮށްލާފައެވެ.

