ޚަބަރު

ޖާބިރު ދިރިއުޅުއްވާ ގެއަކީ ޖާބިރުގެ ގެއެއްކަމުގެ ހެއްކެއް ނެތުމުން ނީލަމުގައި ގެ ވިއްކާލަނީ

ކާށިދޫ ދާއިރާގެ މެންބަރު ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

އަތަމާޕްލާޒާ ނީލަމުގައި ވިއްކާލަން ނިންމީ އެ ގެއަކީ ޖާބިރުގެ އަމިއްލަ ގެއެއްކަން ސާބިތު ކޮށްދެވޭނެ ވަރުގެ ހެއްކެއް ޖާބިރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނެތުމާއިއެކު އެ ގެއަކީ މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އާފީނިވިލާ، ހުޅުމާލެ އިސްމާއިލް އަބްދުއްލަތީފްގެ ނަން މަތީ ރަޖިސްޓްރީ ކޮށްފައިވާ ގެއަކަށް ވުމުން އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ސާބިތުވި ދަރަންޏެއް ތަންފީޒު ކުރުމަށެވެ.

މީގެ 11 އަހަރު ކުރިން މެންބަރު ޖާބިރު މ. އަތަމާޕްލާޒާ ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް ވެސް ގޭގެ ރަޖިސްޓްރީ ޖާބިރުގެ ނަން މައްޗަށް ބަދަލުކޮށްފައެއް ނުވެ އެވެ.

އިސްމާއިލް އަބްދުއްލަތީފްގެ ދަރަނި ދެއްކެން އަންނަނީ މ. އަތަމާޕްލާޒާ ވިއްކާލައިގެން ކަމަށް އިސްމާއިލާއި ދައުވާކުރާ ފަރާތުން ސިވިލް ކޯޓުގައި އެއްބަސްވެ، އެގޮތުގެ މަތިން ކުރިއަށް ގެންދަން ނިންމުމުން ޖާބިރުގެ ފަރާތުން މައްސަލާގެ ތެރެއަށް ވަނެވެ.

ނަމަވެސް، އެ ގެ އޭނާ ބައްލަވައިގެންފައިވާ ކަމުގެ ހެކި ދެއްކެވޭ ގޮތް ނުވުމުން ސިވިލް ކޯޓުން، މައްސަލައިގެ ތެރެއިން އޭނާ ނެރުނެވެ. އަދި، ސާބިތު ދަރަނި ދެއްކުން ތަންފީޒުކުރުމުގެ ގޮތުން މ. އަތަމާޕްލާޒާ ނީލަމަށްލި އެވެ.

ދިހަ ބުރިއަށް ހަދާފައިވާ އެ ގެ ނީލަމަށްލާފައިވަނީ ފެށޭ އަގެއްގެ ގޮތުން 15،507،800 ރުފިޔާއަށެވެ. އެ ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ހުޅުވާއިރު، ގެ ބެލުމަށް ފަސްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެވެ.

ޖާބިރާއި އޭނާގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ބެލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިސްމާއިލަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ، ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމާއި އެ ހާލަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މ. އަތަމާޕްލާޒާ ނީލަމަށްލީއިރު، ޖާބިރު ހުންނެވީ އެމެރިކާއަށް ވަޑައިގެންނެވެ. އޭނާ އެމެރިކާއަށް ވަޑައިގެންނެވީ ދަރަނީގެ މައްސަލައެއްގައި ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އެކަން ހައްލުކޮށް ޕާސްޕޯޓް ދޫކޮށްލުމާއެކު އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close