ޚަބަރު

ދެއަހަރުތެރޭގައި ތިލަމާލެ ބުރިޖު ނިންމޭނެ – އިންޑިއާ

އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއި ޙަވާލުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ތިލަމާލެ ބްރިޖް” މަސައްކަތް ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެކުންފުންޏާއި ހަވާލާދީ އިންޑިއަން ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު، މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ރަސްމިއްޔާތު އޮންނާނީ ހޮޓެލް ޖެންގައި މިއަދުގެ 11 ޖަހާއިރުއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކުރިން ނިންމައިފައި އޮތް ނަމަވެސް، މަސައްކަތް ނުފެށި ދިގު ލައިގެން ދިޔައީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް”، (ޖީ.އެމް.ސީ.ޕީ) ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ. އަދި ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.

އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެފައި ވަނީ، 6.7 ކިލޯމީޓަރުގެ ދިގު ބްރިޖުތަކާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެ ކަމަށެވެ.

ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

އީސް އިބްރާހިމް ސޯލިހް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ގައި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖެއް އިޢުލާން ކުރެވުނެވެ. މީގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްޤީކުރުން، ފަޅުހިއްކުން، ބަނދަރުހެދުން، މަސް ފެކްޓްރީ ތަރައްޤީ ކުރިން، ކްރިކެޓް ދަނޑުތައް ހެދުން އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން  ފަދަ ޕްރޮޗެކްޓްސް ހިމެނެއެވެ.

34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަދި އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި މީގެ އިތުރު ޕްރޮޗެކްޓްތަކުގެ މަސައްކަތް ވެސް ވަނީ މިހާރު ހަވާލުކުރުމުގެ ސްޓޭޖްގައެވެ. އިންޑިއާއިން 30 ކޮމިއުނިޓީ ޕްރޮޗެކްޓްވެސް ކުރިއަށް ގެންދާއިރު އޭގެތެރޭގައަން 15 ޕްރޮޗެކްޓް ވަނީ ނިމިފައެވެ.

އިންޑިއަން ހައި ކޮމިޝަނުން ވިދާޅުވީ، ރާއްޖޭއާ ދެމެދު އޮންނަ ގުޅުން ފުޅާކޮށް ތަރައްގީ ކުރުމަކީި ދެސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭކަމެއް ކަމަށާއި، މި ސަރުކާރުގެ ރިޔާސީ އެންމެ ބޮޑު ވައުދު ކަމުގައިވާ ޖީއެމްޕީސީ ޕްރޮޗެކްޓް ހަގީގަތަކަށް ހަދަން ބައިވެރިވުމަކީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close