ޚަބަރު

ސަވާދީއްތަ ދަތުރަކީ ރާއްޖެ އިޝްތިހާރުކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް: ޠައްޔިބު

ސަވާދީއްތަ ދަތުރުގެ ނަމުގައި އެމްއައިޓީޑީސީން ފަށާފައިވާ ދަތުރަކީ އައު ގޮތްތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަވާދީއްތަ ދަތުރުގެ ނަމުގައި އެމްއައިޓީޑީސީން ވަނީ ޔޮޓް ރެލީއެއް މިއަދު އިފްތިތާހްކޮށްފައެވެ.

މިޔޮޓްރެލީ ގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 3 ހަފްތާގެ މުއްދަތަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުން، ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަތުރުގެ ޕްރޮމޯ ލަވަ އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވީ، މިއީ އައު ގޮތްތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބިފައިވާ މުހިންމު ފުރުޞަތެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީއަކީ ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އޮތް ސަރުކާރުގެ ކުންފުނިކަމަށްވެފައި، މި މުހިންމު މަސައްކަތުގައި އެމްއައިޓީޑީސީ އަށް އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމަށާއި، މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ މުހިންމުކަމެއްކަމަށް ޠައްޔިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވަނީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތު ކުރުމުގެ މުހިންމު ކަމަށާއި އަދި ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެކެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ޤަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުން، ބައިވެރިންނަށް ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ރީތިކަމާއި ސާދާ ދިރިއުޅުން އަދި ތާރީޚާއި ސަޤާފަތް ދައްކުވައިދޭނެ ގޮތަކަށެވެ.

މި ޔޮޓް ރެލީ ޚާއްސަ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ދިރިއުޅުއްވުމާއި، އެމަނިކުފާނުގެ ޖިހާދާއި ގުޅުންހުރި ކަންތައްތަކަށެވެ. މިދަތުރަށް “ސަވާދީއްތަ ދަތުރު” ގެ ނަން ދެވިފައިވަނީވެސް އެ މަހާރަދުންގެ ނަންފުޅާއި ގުޅުވައިގެން ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close