ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ބާރުއަޅާ ޕެޓިޝަނެއް އިފްތިތާޙްކޮށްފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، ބާރު އެޅުމުގެ ގޮތުން ރައީސް ސޯލިހަށް އެރުވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް އިފްތިތާޙް ކޮށްފިއެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ސޮއިކުރަމުން ގެންދާ މިޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް، ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވެފައިވާ ވަޢުދު ފުއްދުމަށް ބާރު އެޅުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއްކަމަށް އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުން ބުނެއެވެ.
ޕެޓިޝަން ތައްޔާރު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ބައެއް ނޫސްތަކާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ. ނިޝާން ވިދާޅުވި ގޮތުގައި މަޖިލީހުގެ މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު ވެސް ވަނީ ޕެޓިޝަނުގައި ސޮއިކުރައްވާފައެވެ.
މި ޕެޓިޝަނަކީ ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ ޕެޓިޝަނެކެވެ. އެ މަނިކުފާނު ވަނީ ވީހާވެސް ގިނަ މީހުން ޕެޓިޝަނުގައި ސޮއިކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
”ރައީސް ނަޝީދު ހުރީ އަޅުގަނޑުމެންނާއެކު. ބާރަށް ކުރިއަށް ގެންދިއުމަށް ވިދާޅުވެފައި އޮތީ. މި އިވެންޓް ކުރިއަށްދިޔައިރު ވެސް ރައީސް ނަޝީދު ވަނީ މިކަން ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި. ހަމަ ވީޑިއޯ ކޯލް ކުރައްވައިގެން ބެއްލެވި“ ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވި ގޮތުގައި ޕެޓިޝަނާއި ގުޅިގެން ހަރަކާތްތައް އެންމެ އަވަހަށް ކުރިއަށް ގެންދާނީ ހުޅުމާލޭގައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދާދިފަހުން ވަނީ، ރައީސް ޞާލިޙަށް މެސެޖެއް ފޮނުއްވާފައެވެ. ރައީސް ނަޝީދުގެ މެސެޖުގައި 2023 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބު ނުބޭއްވުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމު އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ސަރުކާރު އުވައިލުމަށާއި، އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވަނީ މަޖިލިސް އިންތިޚާބު ބޭއްވެންދެން މަޖިލީހުން ޤައުމު ހިންގާ ގޮތަށް ބަދަލުގެންނަން ވެސް ރައީސްއަށް ދަންނަވައިފައެވެ.
ރައީސް ނަޝީދުގެ މެސެޖަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވަނީ މިހާރު މި ޢަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ގޮތެއްކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީ ވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
